Skip to content Skip to footer

ޤައުމީ ތާރީޚު ދުވަސް 2025

ކޮންމެ އަހަރެއްގެ ފެބުރުވަރީ 27ވަނަ ދުވަސް ފާހަގަކުރަނީ ޤައުމީ ތާރީޚު ދުވަހުގެ ގޮތުގައެވެ. މި އަހަރުގެ ޤައުމީ ތާރީޚު ދުވަސް ފާހަގަކުރީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ދިވެހިބަހުގެ އެކެޑަމީއާ ގުޅިގެންނެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރު ބޭއްވީ ޢިލްމީ ދަންފަޅިއެކެވެ.

މި ދަންފަޅީގައި އަލްފާޟިލް އަޙުމަދު ޝަފީޤު “ޤައުމީ ލޯބި ހުރިހައި ގުޅުމެއް ފަތަޙަކުރެއެވެ” މި ސުރުޚީގެ މައްޗަށް ދެއްކެވި ވާޙަކަފުޅުގައި ތާރީޚާއި ބަހާއި އޮތް ގުޅުމާއި، އަދި މި ކަންކަން ޤައުމިއްޔަތާއި ޤައުމެއްގެ ދެމިއޮތުމަށް އަސަރުކުރުވާ މިންވަރުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މި މައުޟޫޢުގައި ޝަފީޤް ވިދާޅުވީ ޤައުމެއްގެ ޤައުމިއްޔަތާއި ތާރީޚް ދެމެހެއްޓޭނީ މާދަރީބަހަށް އެ ޤައުމުގެ ދަރީން އަހުލުވެރިވެ، އެއާމެދު އެމީހުންގެ ހިތުގެ އަޑިން ލޯބިވެ، ފަޚުރުވެރިވީ ވަރަކުން ކަމަށެވެ.

އަދި “ތާރީޚް ދެނެގަތުމުގެ ބޭނުން” މި ސުރުޚީއަށް އައްޝައިޚް އިބްރާހީމް އަޙްމަދާއި އަލްފާޟިލް މުޙައްމަދު ދީދީ މަޢުލޫމާތު ދެއްވިއެވެ. އެބޭފުޅުންގެ ހުށަހެޅުއްވުމުގައި ހިމެނުނު މަޢުލޫމާތުގެ ތެރޭގައި ތާރީޚަކީ ކޮބައިކަމާއި ތާރީޚުގެ މުހިއްމުކަމާއި ތާރީޚު ލިޔުއްވުމުގައި ސަމާލުކަން ދެއްވަންވީ ކަންކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އެއަށް ފަހު ބައިވެރިންގެ ފަރާތުން ކުރެވުނެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ.

ޤައުމީ ތާރީޚު ދުވަހުގެ ޢިލްމީ ދަންފަޅީގެ ޚާއްޞަ މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ތާރީޚު ލިޔާ މީހުންގެ މަސްއޫލިއްޔަތު ބޮޑުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ތާރިޚާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރެއްވިއެވެ.

މި ދަންފަޅީގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސަލަރ އަޙްމަދު އަމީން މުޙައްމަދާއި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވެސް ވާހަކަފުޅުދެއްކެވިއެވެ.

މި ޢިލްމީ ދަންފަޅީގައި އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމަށް ވަޑައިގެންނެވި ބޭފުޅުންގެ އިތުރުން، ދާދިވަރުކޮށް ރާއްޖޭގެ ބައެއް ރަށްރަށުގެ ސްކޫލުތަކުން ވަނީ ބައިވެރިވެފައެވެ. މިގޮތުން އިރުޝާދިއްޔާ ސްކޫލުން 21 ދަރިވަރުންނާއި ހދ. ތަޢުލީމީ މަރުކަޒުން 10 ދަރިވަރުން ބައިވެރިވިއެވެ. ނ. އަތޮޅު މަދަރުސާއިން 8 ދަރިވަރުން ބައިވެރިވިއެވެ. ޖަލާލުއްދީން ސްކޫލުން 20 ދަރިވަރުން ބައިވެރިވިއެވެ. އަދި ޝަރަފުއްދީން ސްކޫލުން 10 ދަރިވަރުން ބައިވެރިވިއެވެ. މީގެ އިތުރުން އައި.އެމް.ޔޫ.ގެ އުނގޫފާރު ކެމްޕަހާއި ގދ. ތިނަދޫ ކެމްޕަހުން އެ ރަށްރަށުގެ ބައެއް ސްކޫލުން 80 ދަރިވަރުން ބައިވެރިވިއެވެ.

އެންމެ ފުރަތަމަ ޤައުމީ ތާރީޚު ދުވަހެއް ފާހަގަކުރީ 2018ވަނަ އަހަރުއެވެ. މި އަހަރު މި ފާހަގަކުރަނީ 8ވަނަ ޤައުމީ ތާރީޚު ދުވަހެވެ. މި އަހަރުގެ ތާރީޚު ދުވަހުގެ ޝިޢާރަކީ “ތާރީޚު ދޭ ފިލާވަޅު – ކުރިމަގުގެ ތަޅުދަނޑި” އެވެ.