ދިވެހިބަހުގެ އެކެޑަމީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހުތްޢަލިދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 26ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި ހުރިހައި ފަރާތްތަކަކަށް ހުޅުވައިލައިގެން ބާއްވާ ސެޝަންތަކެއް ފަށައިފިއެވެ.
28 އޮކްޓޫބަރު ހޮނިހިރު ދުވަހު (މިއަދު) ދާދިވަރުކޮށް މި ފެށި ސެޝަންތަކުގައި ކިޔަވައި ދެއްވަނީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ އަދި މި ދާއިރާއިން އެތައް ދަރިވަރުންތަކެއް ތަމުރީނުކުރައްވަމުން ގެންދަވާ އަލްއުސްތާޛު އާދަމް ޒާހިރެވެ. 3 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ސެޝަންތަކުގައި މިއަދުގެ ކުލާސްތައް އޮންނާނީ ހެނދުނު 8:00ން 11:00 އަށް، މެންދުރުފަހު 1:00ން 15:00ށް އަދި ރޭގަނޑު 8:00ން 10:00އަށެވެ. މި ކުލާސްތަކުގައި 76 ސްކޫލަކުންނާއި އަމިއްލަ 17 ފަރާތަކުން ބައިވެރިވެފަވެއެވެ. ކުރިއަށް ހުރި ސެޝަންތަކުގައި ބަނދިހެދުމާ ގުޅޭގޮތުން މައުލޫމާތުދިނުން އޮންނާނެއެވެ.