ލ. މާމެންދޫ ސްކޫލާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދޭ ކިލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ކިލާސްތައް އޮތީ 2024 މޭ 31ން 2024 ޖޫން 1ށް ލ. މާމެންދޫ އިސްކޫލުގައެވެ.
މި ކިލާސްތައް ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ދަރިވަރުންގެ ކިބައިގައި ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދީ އާލާކުރުމެވެ. ޚާއްސަ ގޮތެއްގައި ލ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށް މި އަހަރުގެ ޖުލައި މަހު ބާއްވާ “ލާމަސީލު ލާމު” އަތޮޅު ވާހަކަދެއްކުމުގެ މުބާރާތަށް ތައްޔާރުވާ ދަރިވަރުންގެ ވާހަކަދެއްކުމުގެ ހުނަރު މަތިކުރުމެވެ.
މި ކިލާސްތައް ނަންގަވައިދެއްވީ ދިވެހިބަހާއި އަދަބިއްޔާތުގެ އުސްތާޛު އަލްއުސްތާޛު ޢަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ކިލާސްތަކަކީ ވަރަށް ވެސް ކާމިޔާބު ކިލާސްތަކެއްކަން ފާހަގަކުރެވެއެވެ. މި ކިލާސްތައް ކުރިއަށް ގެންދިޔައީ ލ.މާމެންދޫ ސްކޫލުގެ އެދިވަޑައިގަތުމަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ ހުރިހައި ހަރަދުތަކެއް ވެސް ހަމަޖައްސަވައިދެއްވީ ލ. މާމެންދޫ ސްކޫލުން ކަން ފާހަގަކުރަމެވެ.