އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ދިވެހިބަހުގެ ކޯހެއް ފަށައިފިއެވެ. ދިވެހިބަހުގެ އެކެޑަމީން 5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހަކީ 10 ގަޑި އިރުގެ ތަމްރީނު ޕްރޮގްރާމެކެވެ.
މި ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ބެހެއްޓުމާއި އަދަބު އިހުތިރާމާ އެކު މުއާމަލާތުކުރާނެ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމާއި ދިވެހިބަހަށް މުވައްޒަފުން އަހުލުވެރިކުރުމެވެ.
މި ކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ލަފުޒު ވަކިކޮށް ލިޔުމުގެ އުސޫލާއި ސުކުނާއި ފިލިތައް އަދި އަދަބު އިޙްތިރާމާ އެކު ދިވެހިބަހުން މުޢާމަލާތުކުރާނެ ގޮތް އޮޅުންފިލުވައިދިނުމާއި، ސާފު ރީތި ބަހުން އިބާރާތްކުރާނެ ގޮތުގެ އުސޫލު އޮޅުންފިލުވައިދިނުން ހިމެނެއެވެ.
މި ކޯހުގައި ކިޔައިވައިދެއްވާނީ މި ދާއިރާގެ ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ދާރިސުންނެވެ. ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ އެދިވަޑައިގަތުމަށް މި އެކެޑަމީން މި ފަދަ ކޯސްތައް އަބަދު ވެސް ކުރިއަށްގެންދެއެވެ.