ރާއްޖޭގައި އުފެދުނު ކުޅަދާނަ އެއް ޅެންވެރިޔާ ސައީދު އަލިފުޅު އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ 2015ވަނަ އަހަރުގެ އޭޕްރީލް މަހުގެ 17ވީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ހިޖުރީ ގޮތުން އެއީ 27 ޖުމާދަލް އާޚިރާ 1436ވީ ހުކުރު ދުވަހެވެ. އަވަހާރަވީ އިރު ޢުމުރުފުޅަކީ 79އަހަރެވެ. ބ. ދަރަވަންދޫ ޅެންވެރިކަމުގެ އާއިލާ އަކަށް އުފަންވެ ވަޑައިގަތް އެ ރަށު މިއުނިކް ސައީދު އަލިފުޅު އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅުގައެވެ.އެތަކެއް ބައިވަރު ޅެން ހައްދަވައި، އަދި އަދަބިއްޔާތަށް ވެސް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ސައީދު އަލިފުޅުގެ ހަނދާނުގައި މި އެކެޑަމީން ވަނީ އޭނާގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް އޭޕްރީލްމަހުގެ 21ވަނަދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަށް ހުޅުވައިފައެވެ. އޭގެ އިތުރަށް އޭނާގެ ޒިކުރާއާކުރުމުގެ ގޮތުން ތައުބީނުގެ ޖަލްސާއެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ. ސައީދު އަލިފުޅަކީ ޅެންވެރިކަމުގެ ރޮނގުން ގައުމީ އިނާމް، އަދި އެ ދާއިރާއިން 2013ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމް ވެސް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާއަކީ ސަރުކާރުގެ ވަރަށް ގިނަ މަގާމުތައް ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ސައީދު އަލިފުޅަކީ ދިވެހި ބަހަށް، ޚާއްސަކޮށް ޅެންވެރިކަމަށް ވަރަށް އަގުހުރި އިޚުލާޞްތެރި މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާ ޅެން ހެއްދެވުމުގެ އަވަސްމިނާ ދޭތެރޭ އަޅުގަނޑު ހަމަ ހައިރާންވެއެވެ. ދިވެހި އިލްމުވެރިކަމުގެ ބަގީޗާއިން މި އުނިވީ ވަސްމީރު މަލެކެވެ . ރާއްޖޭގެ އެކި ދުވަސްވަރު ހިންގި ވަރަށް ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ސައީދު އަލިފުޅުގެ ޅެންތައް ލަވަ އަށް ބަދަލުވެ މުޅި ރާއްޖެ އަށް ފެތުރިގެން ގޮސް ވަރަށް ބޮޑު މަޝްހޫރު ކަމެއް ވަނީ ހޯދައިފައެވެ. އޭގެ ތެރޭގައި ކުޅަދާނަ ލަވަކިޔުންތެރިޔާ ޖޭމު ދޮންކަމަނަ ކިޔާފައިވާ ވަރަށް ގިނަ ލަވަތަކުގައި ސައީދު އަލިފުޅުގެ ޅެންތައް ހިމެނެ އެވެ. ރާއްޖޭގައި ދަނޑުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު 1970ގެ ފަހުކޮޅު ހިންގި އިރު މުޅި ރާއްޖެ އަށް ގުގުމާލި “ދަނޑަށް ދަނޑަށް ދާން ދެން ހިނގާ” އަކީ ވެސް ސައީދު އަލިފުޅުގެ މޮޅު ޅެމެކެވެ. ސައީދު އަލިފުޅުގެ ޖަނާޒާ އޮތީ އެރޭ މަޣުރިބު ނަމާދަށް ފަހު ހުޅުމާލޭ ދޮޅިދާންގޭގައެވެ. ކަށު ނަމާދުކުރުން އޮތީ އެރޭ 9 ޖެހިއިރު މަސްޖިދު ޢަޒީޒާ މޫސާ މިސްކިތުގައެވެ. ވަޅުފުޅުލީ ހުޅުމާލޭ ދޮޅިދާން ގޭގެ ދެކުނު ސަހަރާގައެވެ. އޭނާ އަވަހާރަވި އިރު ހަތަރު ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެ ބޭފުޅުންގެ ތެރޭގައި ވެސް ޅެންވެރިން ހިމެނި ވަޑައިގަންނަވައެވެ. ސައީދު އަލިފުޅުގެ ބޭބެ ޔޫސުފު އަލިފުޅަކީ ރާއްޖޭގައި އުފެދުނު ކުޅަދާނަ ޅެންވެރިންގެ ތެރޭ ހިމެނޭ މޮޅު ޅެންވެރިއެކެވެ..