ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ޤައުމީ ތާރީޚު ދުވަސް ފާހަގަކޮށްފިއެވެ. ދިވެހިރާއްޖޭގެ ހުރިހާ އިސްކޫލު މަދަރުސާތަކުގެ ދަރިވަރުންނަށް، ސަލްމާނު މިސްކިތުގެ އޮޑިޓޯރިއަމްގައި ތިބެގެންނާއި ދާދިވަރުކޮށް (އޮންލައިންކޮށް) މައުލޫމާތު ސެޝަނެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ހަރަކާތް ބާއްވާފައި ވަނީ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހުގެ ރެއެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން 2000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރި މި ސެޝަންގައި ދަރިވަރުންނަށް ދިވެހި ތާރީޚާ ގުޅޭ ތަފާތު މައުލޫމާތުތައް ހިއްސާކޮށްދެއްވީ ކުޅަދާނަ ވާހަކަދެއްކުންތެރިޔާ އަލްފާޟިލް މުޙައްމަދު ސަލީމެވެ. މި ސެޝަންގައި ތާރީޚީ މައުލޫމާތުތައް އޮޅުންފިލުވުމުގެ ބޭނުމާއި އެދުވަސްވަރު ކާބަފައިން ކޮށްއުޅުނު މަސއްކަތްތަކާއި ކެއުމާއި ބުއިމާއި ދިރިއުޅުމުގެ އާދަތަކާއި އުސޫލުތައް ގެންގުޅުނު ގޮތާއި ތާރީޚީ ކުޅިވަރުތަކާ ގުޅޭގޮތުން މައުލުމާތު ދެއްވިއެވެ. ޤައުމީ ތާރީޚު ދުވަސް ފާހަގަކުރުމަށް ދިވެހިބަހުގެ އެކެޑަމީން 2023ވަނަ އަހަރަށް ކަނޑައެޅި ޝިޔާރަކީ “ދިވެހިންގެ ސާދާ ދިރިއުޅުން – ދިވެހި ތާރީޚުން” މިއެވެ.
މި ޝިޢާރުގެ ކަނޑައެޅުމުގެ މަޤްޞަދަކީ ދިވެހީންގެ ތެރޭގައި ނެތެމުންދާ އިހުގެ ސާދާ ދިރިއުޅުން ދިރުވައި، އާލާކުރުމެވެ. އަދި މިކަމަށް، ދަރިވަރުންގެ ހިތްތަކުގައި ލޯބި ޖައްސައި، ދިވެހި ތާރީޚީ ވާހަކަތަކަށް ދަރިވަރުން ޝައުގުވެރިކުރުވުމެވެ. މި ދުވަސް ނިސްބަތްވަނީ އަލްޤާޟީ ޙަސަން ތާޖުއްދީން ދުނިޔެ ދޫކުރެއްވި ދުވަހަށެވެ. އެ ދުވަހަކީ މީލާދީން 1727ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 27ވަނަ ދުވަހެވެ. ފުރަތަމަ ފަހަރަށް ޤައުމީ ތާރީޚު ދުވަހެއް ފާހަގަ ކުރެވުނީ 2018ވަނަ އަހަރުއެވެ. މި އަހަރު މި ފާހަގަކުރެވުނީ 6ވަނަ ޤައުމީ ތާރީޚު ދުވަހެވެ.