ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް، ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ ސަފާރާގެ ފަސްޓު ސެކެޓްރީ މިސްޓަރ ކަރަން ޔާދޭވްއާއި އިންޑިޔަން ކަލްޗަރަލް ސެންޓަރގެ ޑިރެކްޓަރު ޑރ. ސައްޔިދު ތަންވީރު ނަސްރީންއާ ބައްދަލުކުރައްވައިފިއެވެ.
ދިވެހިބަހުގެ އެކެޑަމީގައި ބޭއްވި މި ބައްދަލުވުމުގައި އަދަބިއްޔާތުގެ ދާއިރާ ކުރިއެރުވުމަށް ޓަކައި ދެފަރާތުން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެއްވިއެވެ. އަދި އިންޑިޔާގެ ސަހިއްތިޔަ އެކެޑަމީއާއި ޖަވާހިރުލާލު ނެހެރޫ ޔުނިވަރސިޓީއާއި އަލީގަޅު މުސްލިމު ޔުނިވަރސިޓީއާ އެކު ދިވެހިބަހުގެ އެކެޑަމީން ކުރެވިދާނެ މަސައްކަތްތަކާ މެދު މަޝްވަރާ ކުރައްވައި، މި ފަދަ މުއައްސަސާއެއްގައި ދިވެހިބަހުގެ ކޯސްތައް ހިންގުމަށް ފަހުމުނާމާއެއްގައި ސޮއިކުރުމަށް އިތުރު މަޝްވަރާ ކުރުމަށް ނިންމެވިއެވެ.
މީގެ އިތުރުން އަދަބިއްޔާތާއި ފޯކްލޯއާއި ލިންގްއިސްޓިކްގެ ދާއިރާއިން ދިވެހިރާޖެއަށް ކޯސްތަކާއި ތަމްރީނުތަކުގެ ފުރުސަތު އިންޑިޔާގެ ސަފާރާގެ ފަރާތުން ހޯއްދަވައިދެއްވާނެކަމަށް ފަސްޓު ސެކެޓްރީ ކަރަން ޔާދޭވް ވިދާޅުވިއެވެ.