Skip to content Skip to footer

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް ޚާއްސަކޮށް، ދިވެހިބަހުގެ އެކެޑަމީން ކޯހެއް ފަށައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް ޚާއްސަކޮށް، ދިވެހިބަހުގެ އެކެޑަމީން ކޯހެއް ފަށައިފިއެވެ.

މި މަހުގެ 13ގައި ފެށި ކޯސް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ.

ދިހަ ގަޑިއިރަށް ކުރިއަށްގެންދާ މި ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ބެހެއްޓުމާއި އަދަބު އިޙުތިރާމާއެކު މުއާމަލާތުކުރާނެ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުން ކަމަށް ދިވެހިބަހުގެ އެކެޑަމީން ވަނީ ބުނެފައެވެ.

އެގޮތުން މި ކޯހުގައި ކުރިއަށްގެންދާ ބައިތަކުގެ ތެރޭގައި:

  • ދިވެހިބަހުން ރީތިކޮށް ވާހަކަދައްކާނެ ގޮތް އޮޅުންފިލުވައިދިނުމާއި
  • ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު އޮޅުންފިލުވައިދިނުމާއި
  • ސާފު ރީތިބަހުން އިބާރާތްކުރާނެ ގޮތް ކިޔައިދިނުމާއި
  • ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ސުކުންކުރާނެ ގޮތްތައް އޮޅުންފިލުވައިދިނުމާއި
  • ބަދަލުވާ އަކުރާއި ތާނައިގައި ތިކިޖަހައިގެން ލިޔާނެ އުސޫލު އޮޅުންފިލުވައިދިނުން ހިމެނެއެވެ.

އެކެޑަމީން ބުނީ މި ކޯހުގެ ކްލާސްތައް ކުރިއަށް ގެންދަނީ ފަސް ދަންފަޅިއަކަށް ބަހައިލައިގެން ކަމަށެވެ. އަދި މި ކޯހުގައި ކިޔަވައިދެއްވާނީ ގައުމީ ޔުނިވާސިޓީގެ ދާރިސެއް ކަމުގައިވާ އަލްފާޟިލާ އަޒީޒާ އަފީފާއި ދިވެހިބަހުގެ އުސްތާޛު އަބްދުލްއަޒީޒުޖަމާލް އަބޫބަކުރެވެ.