Skip to content Skip to footer

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތް ނިމިއްޖެ

ދިވެހި ބަހުގެ އެކެޑަމީން އިސްނަގައިގެން ދިވެހިރާއްޖޭގެ ހުރިހާ އިސްކޫލު މަދަރުސާތަކާއި މަތީ ތައުލީމުދޭ ކޮލެޖު ޔުނިވަރސިޓީތަކާއި އަމިއްލަ ކުލަބު ޖަމިއްޔާ ޖަމިއްޔާތަކަށް ހުޅުވައިލައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ކުރިއަށް ގެންދެވުނީ ފެބުރުވަރީ މަހުގެ 12އިން މާރިޗް މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި މާލޭގެ 19 އިސްކޫލަކާއި، އަތޮޅުތެރޭގެ އެކި ރަށްރަށުން 13 ސުކޫލެއް ބައިވެރިވިއެވެ. ދަށު ސާނަވީ ގިންތީގައި 28 އިސްކޫލަކުން 169 ދަރިވަރުންނާއި ސާނަވީ ގިންތީގައި 25 އިސްކޫލަކުން 155 ދަރިވަރުންނާއި މަތީ ސާނަވީ ގިންތީގެ 7 އިސްކޫލަކުން 36 ދަރިވަރުން މުބާރާތުގައި ވާދަކޮށްފައި ވެއެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ބައިގައި 18 އަހަރުންދަށުގެ 7 ބައިވެރިންނާއި 18 އަހަރުންމަތީގެ އުމުރުފުރާއިން އަމިއްލަ ގޮތުން އެކަކު ވާދަކޮށްފައިވެއެވެ.

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބޭއްވުނު ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގެ އިސްކޫލުތަކުގެ ބައި ކުރިއަށް ގެންގޮސްފައި ވަނީ ދެ ބުރަކަށް ބަހައިލައިގެންނެވެ. އެއީ ފައްސިޔަ ބުރާއި އަރުތަ ބުރެވެ. ފައްސިޔަ ބުރުގައި ދަށު ސާނަވީ ދަރިވަރުން ވާހަކަދެއްކުމަށް ގުރުއަތުން ނެގޭ މައުޟޫއަށް ތައްޔާރުވުމަށް 3މިނެޓުގެ ވަގުތުދެވި، ދަރިވަރުން ވާހަކަދެއްކުމަށް 5މިނެޓް ދީފައިވެއެވެ. އަދި ސާނަވީ ގިންތި އާއި މަތީ ސާނަވީ ގިންތީގެ ދަރިވަރުންނަށް ވެސް ގުރުއަތުން ނެގޭ މައުޟޫއަށް ތައްޔާރުވުމަށް 5 މިނެޓާއި ވާހަކަ ދެއްކުމަށް 7މިނެޓްގެ ވަގުތު ދީފައިވެއެވެ.

މީގެއިތުރުން ދަށު ސާނަވީ، ސާނަވީ އަދި މަތީ ސާނަވީ ގިންތީން ފައްސިއްޔަ ބުރުގައި ވާދަކުރި ދަރިވަރުންގެ ތެރެއިން އެންމެ މަތީ މާކުސް ހޯދައިގެން ކޮންމެ ގިންތިއަކުން އެންމެ މޮޅު 10 ދަރިވަރުންގެ ގޮތުގައި ހޮވުނު ދަރިވަރުން ވާދަކޮށްފައި ވަނީ އަރުތަ ބުރުގައެވެ. އަރުތަ ބުރުގައި ވާހަކަދައްކާ ބައިވެރިން ތަރުތީބުކޮށްފައި ވަނީ ވަގުތުން ނަގާ ގުރުއަތަކުންނެވެ. އަރުތަ ބުރަކީ ދެ ބަޔަކަށް ބަހައިލައިގެން ކުރިއަށްގެންދެވޭ ބުރެކެވެ. ފުރަތަމަބުރުގައި 10 ދަރިވަރުން ވެސް އެއް މައުޟޫއަކަށް ވާހަކަދައްކާފައިވާއިރު އަރުތައިގެ ދެވަނަބުރުގައި ދަރިވަރުން ވާހަކަދައްކާފައި ވަނީ ކަނޑައެޅޭ މައުޟޫތަކެއްގެ ތެރެއިން އެ ދަރިވަރަކަށް ގުރުއަތުން ނެގޭ މައުޟޫއަކަށެވެ. އަރުތަ ބުރުގައި ވާދަކުރި ދަރިވަރުންގެ ތެރެއިން މުބާރާތުގައި ކޮންމެ ގިންތިއަކުން 1ވަނަ، 2ވަނަ އަދި 3ވަނަ ދަރިވަރު ހޮވާފައިވެއެވެ.

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ތެރެއިން އޮފީސް ކުލަބު ޖަމިއްޔާތަކަށް ޚާއްސަކޮށްގެން ބަހުސް މުބާރާތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޖުމްލަ ހަ ޓީމެއް ވާދަކުރި މި ބަހުސްގައި ވާދަކޮށްފައި ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުމާއި، މޯލްޑިވްސް ކަސްޓަމް ސަރވިސްގެ ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސޯޝަލް ކުލަބާއި، ދިވެހި ސިފައިންގެ ކުލަބާއި އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ޓީމާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރެކްރިއޭޝަން ކުލަބެވެ. ޖުމްލަ އަށް ބަހުސަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު މި މުބާރާތުގައި އިޖްތިމާއީ، ޤައުމީ އަދި އަދަބީ ތަފާތު މައުޟޫތަކަށް ބަހުސްކޮށްފައިވެއެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އެހީ އާއިއެކު މާލޭގެ ސަލްމާނު މިސްކިތުގެ ހޯލުގައެވެ. މި މުބާރާތުގައި ގިންތިތަކުގެ ފަނޑިޔާރުކަން ކޮށްދެއްވައިފައި ވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ފާހަގަކޮށްލެވޭ، އަދި ވާހަކަދެއްކުމުގެ ފަންނުގައި ތަޖުރިބާކާރު ބޭފުޅުންނެވެ.