ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯސް މިފަހަރު ކުރިއަށް ގެންދިޔައީ މޯލްޑިވިއަންގެ އެދުމުގެ މަތީންނެވެ.
މި ކޯސް ކުރިއަށް ގެންދިޔައީ ފެބުރުވަރީ 10ވަނަ ދުވަހާއި 17ވަނަ ދުވަހު ދިވެހިބަހުގެ އެކެޑަމީގައެވެ. މޯލްޑިވިއަންގެ މުވައްޒަފުންނަށް ހާއްސަކޮށްގެން 9 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ކޯހުން ޖުމްލަ 14 ބައިވެރިން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.
މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތް ކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތްތަކެވެ.
މި ކޯހުގައި ކިޔަވައިދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ސީނިއަރ ލެކްޗަރާ އަލްފާޟިލާ ޢަޒީޒާ ޢަފީފާއި ދިވެހިބަހުގެ އެކެޑަމީގެ ނައިބުރައީސް ޒުލްފާ އިބުރާހީމާއި އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ.























ފޮޓޯ: މޯލްޑިވިއަން