އަލްމަރުޙޫމް އަޙްމަދު ޝަފީޤް- ލާމަސީލު ޚިދުމަތްތެރިއެއް

28-04-2015

ދިވެހިބަހާއި އަދަބާއި ތާރީޚާއި ސަގާފަތަށް ގިނަގުނަ ޚިދުމަތްކުރެއްވި މަޝްހޫރު ލިޔުންތެރިޔެއްކަމަށްވާ ހެންވޭރު ޝަފީޤުގޭ އަލްފާޟިލް އަޙްމަދު ޝަފީޤު ދެމި އޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ހިތާމަވެރި ޚަބަރު ދިވެހިބަހުގެ އެކެޑަމީން އެހީ ނުހަނު ފުން ހިތާމައާއި ހިތްދަތިކަމާއެކުއެވެ. އަލްފާޟިލް އަޙްމަދު ޝަފީޤު (ހ. ޝަފީގުގެ) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 15 މެއި 1928މ. ގައެވެ. ބައްޕައަކީ އައްނަބީލު އިބްރާހީމް މަނިއްޕުޅެވެ. މަންމައަކީ ޞަފިއްޔާ އާދަމް (ދޮންދީދީ) އެވެ. މައިޒާން އައިމިނަތު މުޙައްމަދު މަނިކާއި ކައިވެނި ބައްލަވައިގެން 8 ފިރެހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުން ލިބިވަޑައިގަންފައިވެއެވެ. ޝަފީޤު 14 ނޮވެންބަރ 1948މ. ގައި މަދަރުސަތުލްސަނިއްޔާ (މިހާރު މަޖީދިއްޔާ ސްކޫލް) އިން ސެކަންޑަރީ ފެންވަރަށް ތަޢުލީމު ޙާޞިލުކުރައްވައި ނިންމެވިއެވެ. އަޙްމަދު ޝަފީޤު ދެ ފަހަރެއްގެ މަތިން ދިވެހި ސަރުކާރަށް ޚިދުމަތްކުރެއްވިއެވެ. ފުރަތަމަ ފަހަރު 16 ނޮވެންބަރު 1948މ. އިން ފެށިގެން 12 ޑިސެންބަރު 1976މ.އާއި ދެމެދުގައެވެ. މިދުވަސްވަރުގެ ތެރޭގައި އޭރު ރާއްޖޭގައި އޮތް 19 އަތޮޅުގެ ތެރެއިން 10 އަތޮޅުގައި 16 ފަހަރެއްގެ މަތިން އަތޮޅުވެރިކަން ކުރެއްވިއެވެ. ޝަފީޤު އިތުރަށް އަދާކުރެއްވި ވަޒީފާތަކާއި މަޤާމުތަކުގެ ތެރޭގައި ވުޒާރަތުލްމަޢާރިފުގެ ވަކީލުކަން، ކަސްޓަމްސްގެ ހިންގާ ސެކްރެޓްރީކަން، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އަންޑަރ ސެކްރެޓްރީ، ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން، ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ މެންބަރުކަން، ރައްޔިތުންގެ މަޖިލިސް އަދި ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ ސެކްރެޓްރީ އަދި ޑެޕިއުޓީ ސެކްރެޓްރީކަން، އެޑިއުކޭޝަނަލް ޑިވެލޮޕްމެންޓް ސެންޓަރ (އީ.ޑީ.ސީ.) ގެ ސީނިއަރ އަންޑަރ ސެކްރެޓްރީކަމާއި އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. ޝަފީޤު ސަރުކާރަށް ކުރެއްވި ޚިދުމަތުގެ ދެވަނަ މުއްދަތު 1979މ. އިން 1995މ. އަށް ދެމިގެންދިޔައެވެ. މި މުއްދަތުގެ ތެރޭގައިވެސް ގިނައިން ފުރުއްވައިފައިވަނީ ހިންގުމުގެ ދާއިރާގެ މަޤާމުތަކެވެ. ޝަފީޤަކީ މަދަރުސަތުލްސަނިއްޔާގެ ދަރިވަރުންގެ ޖަމްޢިއްޔާގެ ރާބިޠާގެ ފުރަތަމަ ރައީސެވެ. މިއީ ރާއްޖޭގައި އުފެދުނު ދަރިވަރުންގެ ފުރަތަމަ ޖަމްޢިއްޔާއެވެ. ހުވަދު އަތޮޅާއި، ފެލިދެ އަތޮޅު (ވ. އަތޮޅު) މިލަދުންމަޑުލު ދެކުނުބުރި (ރ. އަތޮޅު) އަދި ކޮޅުމަޑުލު (ތ. އަތޮޅު) ގެ މެންބަރުކަން ރައްޔިތުންގެ މަޖިލިސްގައި ތަފާތު ފަހަރުތަކުގައި ކުރައްވާފައިވެއެވެ. ރައްޔިތުންގެ މުތަޤައްދިމް ޕާޓީގެ މެންބަރުކަން ކުރެއްވިއެވެ. މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ މެންބަރުކަން ކުރެއްވިއެވެ. ރާއްޖޭގައި އުފެދުނު ފުރަތަމަ ކުޅިވަރު ކްލަބް ކަމަށްވާ ހެންވޭރު ކުޅިވަރު ކްލަބްގެ ސެކްރެޓްރިކަމާއި މެންބަރުކަން ކުރެއްވިއެވެ.

ރާއްޖޭގައި އުފެދުނު ފުރަތަމަ އިޖުތިމާޢީ ކްލަބްކަމަށްވާ ނާދީ ތަމައްދުންގެ މެންބަރުކަން ކުރެއްވިއެވެ. ޝަފީޤު އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ދިވެހިންނާއި، ދިވެހިރާއްޖެއާއި، އާދަކާދައާއި، ތާރީޚާއި، ތިމާވެށްޓާއި ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުންވުންތަކާއި ފޮތްތަކުންނެވެ. މިގޮތުން ޝާއިޢުވެފައިވާ ބައެއް ފޮތްތައް ތިރީގައި އެވަނީއެވެ. 1- ދިވެހި މަސައްކަތްތެރިކަން 2- އޮޑިދޯނިފަހަރު ބަނުން 3- މަޖީދިއްޔާގެ ފުރަތަމަ ފަންސަވީސް 4- މަޖީދިއްޔާގެ ދެވަނަ ފަންސަވީސް 5- ދިވެހި ބިމުގައި އަލަ 6- ދިވެހި މަސައްކަތްތެރިކަމުގައި ރާވެރިކަން 7- ދިވެހިރާއްޖޭގައި ކަނޑުމަތީ ދޫނި 8- ދިވެހިރާއްޖޭގައި އެއްގަމުދޫނި 9- ޙަސަން ފަރީދުގެ ޙަޔާތް 10- ދިވެހިރާއްޖޭގެ ބޮލި 11- ދިވެހިރާއްޖޭގެ ގުޑި 12- އިނގިރޭސި ރާނީ ކްއީން އެލިޒަބަތު 2 ރާއްޖެ ވަޑައިގަތުން 13- ދިވެހި މަޒުމޫނު 14- ޢިލްމީ ޚިދުމަތްތެރިކަން 15- ދިވެހި ޝަޚުޞިއްޔަތުތަކުގެ ތެރެއިން ބައެއް ބޭފުޅުން 16- ސުވާލާއި ޖަވާބުން ދިވެހިރާއްޖެ (ފުރަތަމަ ބައި) 17- ދިވެހި ބައެއް ކުޅިވަރު 18- އެވޭލާ އަކުރު 19- ރަށްވެހި ކަމުގެ ތެރޭގައި ދިވެހިން ( ވޮނަދޮނަ ރާއްޖެ) 20- އެވޭލާ ދިވެހި ދަނޑުވެރިކަން 21- ދަންފުޅި އަޙުމަދު ޝަފީޤު ލިޔުއްވާފައިވާ ކުރުވާހަކަތަކުގެ ތެރެއިން އަތަމަނަ ހުރާގެ ޝަކުވާއަކީ ކުރީގެ ސާނަވީ މުޤައްރަރުގައި ދިވެހިބަސް ކިޔަވައި ދިނުމަށްވެސް ބޭނުންކުރާ ވާހަކައެކެވެ. މިވާހަކަ ބިނާވެފައިވަނީ މާލޭގެ ތިމާވެއްޓަށް އަންނަމުންދިޔަ ނޭދެވޭ ބަދަލުތަކަށެވެ. މީގެ އިތުރުން، ތަފާތު ދިވެހިންގެ ޙަޔާތާއި ބެހޭ ގޮތުން ޝަފީޤު ލިޔުއްވާފައިވާ މަޒުމޫނުތައް އެކިއެކި މަޖައްލާތަކުގައި ޝާއިޢުވެފައިވެއެވެ. ތަފާތު ދާއިރާތަކުގެ މައްޗަށް ޝަފީޤު ލިޔުއްވި ގިނަގުނަ މަޒުމޫނުތައްވެސް ނޫސްމަޖައްލާތަކުގައި ޝާއިޢުވެފައިވެއެވެ. އެހެން ބޭފުޅުންގެ ލިޔުއްވުންތަކަށް ބިނާކޮށްގެން ޝަފީޤު ތައްޔާރުކުރެއްވި ޑްރާމާތަކާއި ޝަފީޤުގެ އަމިއްލަ ޑްރާމާތައް ތަމްސީލުތަކުގެ ސިފައިގައި އަދި ރޭޑިޔޯ ޑްރާމާގެގޮތުގައި ގެނެސްދީފައިވެއެވެ. ޝަފީޤު ހެއްދެވި ޅެންތައްވެސް އެކި ނޫސްމަޖައްލާތަކުގައި ޝާއިޢުވެފައިވެއެވެ.

ދިވެހިބަހުގެ ރަދީފު އެއްކުރުމުގެ ތެރޭގައި ވ އިން ފެށޭ 1578 ބަސް ޝަފީޤު ހުށަހަޅުއްވައިގެން އެންމެ ގިނަ ބަސް ހުށަހަޅާ ފަރާތަކަށް ދޭ އިނާމު 1979މ. ގައި ލިބިވަޑައިގަތެވެ. ހ، ށ، ނ، ރ، ބ، ޅ، ކ، އ، މި އަކުރުތަކުން ފެށޭ 2643 ބަސް ހުށަހަޅުއްވައިގެން 1991މ. ގައި އިނާމު ލިބިވަޑައިގަތެވެ. 1946މ. އާއި 1949މ. އާއި ދެމެދު މަޖީދިއްޔާ ސްކޫލުގެ މަޖައްލާ މަޖައްލަތުލް ރާބިޠާގެ އެޑިޓަރުކަން ކުރެއްވިއެވެ. ޒަމީރު، ހަފުތާ އަދި މަދަރުސީ ޖައްވު މިއީ ޝަފީޤު އިސްނަންގަވައިގެން ސްކޫލުގައި އުޅުއްވިއިރު ނެރުއްވި ނޫސްތަކެވެ. އަދި މ.މ.ދ. ޖަމްޢިއްޔާގެ މަޖައްލާ ޢިލްމީ އޮއިވަރުގައިވެސް އިސްދައުރެއް އަދާކުރެއްވިއެވެ. ނޯވޭގެ އެކްސްޕޯލަރ، ޕްރޮފެސަރު ތޯރ ހައިދާލް 1982މ. ގެ ތެރޭގައި ދިވެހިރާއްޖޭގައި ކުރިޔަށްގެންދެވި ދިރާސާތަކާއި ހޯދުންތަކުގެ ތެރޭގައި ތޯރ ހައިދާލާއެކު ޝަފީޤު މަސައްކަތްކުރެއްވިއެވެ. އަދި ތޯރ ހައިދަލާއެކު ވަޑައިގެންނެވި މރ. ޖޯން އާރބީއާއެކު ޝަފީޤު މަސައްކަތްކުރެއްވިއެވެ. ފްރާންސްގެ ޕެރިސްގެ ސީ. އެން. އާރު. އެސް. ގެ ޑރ. ބަރނާރޑް ކޮއެޗްލިންއަކީ ދޫންޏާ ބެހޭ ރިސާޗްތަކުގައި ޝަފީޤުގެ ބައިވެރިއެކެވެ. ޑރ. ޖޭ. އެސް. އޭޝް، މރ. ގޮޑްޝިލް ވުޑް އަދި މރ. ފޯރޑިންގ ބްރިޖްއަކީ ދިވެހިރާއްޖޭގައި އުޅޭ ދޫންޏާއި ބެހޭގޮތުން ރިސާޗްކުރުމުގައި 1986މ. އިން ފެށިގެން ޝަފީޤުގެ ބައިވެރިންނެވެ. ބްރިޓިޝް މިއުޒިއަމްގެ ޑިޕާޓްމެންޓް އޮފް އޮރިއެންޓަލް އެންޓިކުއިޓީސްގެ ޑެޕިއުޓީ ކީޕަރ މރ. ޖޭ. އާރ. ނޮކްސް 1994މ. އިން ފެށިގެން ޝަފީޤާ ގާތްގުޅުމެއް ބާއްވާފައެވެ. އެއީ ދިވެހިރާއްޖޭގައި އުޅޭ ދޫންޏާ ބެހޭ ގޮތުން ޝަފީޤު ލިޔުއްވާފައިވާ ފޮތްތައް ބްރިޓިޝް މިއުޒިއަމަށް ލުމަށެވެ. ޖޭ. އެމް. ސިމްސް، ހެޑް އޮފް ޔޫރަޕިއަން ޕްރިންޓެޑް ބުކްސް، އޮރިއެންޓަލް އެންޑް އިންޑިޔާ އޮފީސް ކަލެކްޝަންސް އޮފް ދަ ބްރިޓިޝް ލައިބްރަރީ، ވެސް 1993މ. އިން ފެށިގެން ޝަފިޤާ ގާތްގުޅުމެއް ބާއްވައިފައިވެއެވެ. އެއީ ޝަފީޤުގެ ފޮތްތައް ހޯއްދެވުމަށެވެ. ނިޝާނުގެ ޢިއްޒަތާއި ޝަރަފް (2011)ގައި ބަޔާންކޮށްފައިވެއެވެ. ” އަޙުމަދު ޝަފީޤަކީ، ރާއްޖޭގެ ތާރީޚަށާއި، ދިވެހި އަދަބިއްޔާތަށް ފާހަގަކުރެވޭ ފަދަ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ދިވެހިތާރީޚުގެ އެކިއެކި ދައުރުގައި ހިނގައި ދިޔަ މުހިންމު ކަންތައްތައް، ވަކިވަކީން މުޠާލިޢާކުރެއްވި ބޭފުޅެކެވެ. ތާރީޚީ މަޢުލޫމާތު، މުޅިން އަމިއްލަފުޅު ގޮތެއްގައި، އެއްކުރައްވައި،މި މަސައްކަތް ދިގުމުއްދަތެއް ވަންދެން، މެދުކެނޑުމެއް ނެތި ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ތާރީޚީ މަޢޫލޫމާތު އެއްކުރައްވައި، އެ މަޢުލޫމާތު އާންމުކުރެއްވުމުގައި ލާމަސީލު މުފައްކިރެކެވެ” (ޞ44). ޝަފީޤުގެ މި ލާމަސީލު މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިތާރީޚަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ އިނާމް 1980ގައި ލިބިވަޑައިގަތެވެ. މިނިވަންކަމަށް 25 އަހަރު ފުރިގެން 25 އަހަރުގެ ތެރޭ ޤައުމަށް އަގުހުރި ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ދެވުނު ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު 31 ޑިސެންބަރު 1990މ. ގައި ލިބިވަޑައިގަތެވެ.އަދި ދިވެހި ލިޔުންތެރިކަމަށް ކުރައްވާފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ނޫސްވެރިކަމަށް 50 އަހަރު ފުރުމާވިދިގެން ޑިޕާޓްމަންޓް އޮފް އިންފޮމޭޝަނުން ދެއްވި ރަން ގަލަން ޝަފީޤަށް 5 ޖޫން 1993މ. ގައި ލިބިވަޑައިގަތެވެ. ތިމާވެށްޓަށް ޚިދުމަތްކުރެއްވުމުގެ އަގުވަޒަންކުރައްވައި ސަރުކާރުން ދެއްވާ ތިމާވެށީގެ ފެހިފަތް ވެސް އޭނާއަށް ލިބިވަޑައިގަތެވެ. މީގެ އިތުރަށް އަލްފާޟިލް އަޙުމަދު ޝަފީޤަކީ 2011ވަނަ އަހަރު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) ސަރުކާރުން އަރުއްވައިފައިވާ ބޭފުޅެއް ވެސް މެއެވެ.

އަޙުމަދު ޝަފީޤު އެންމެ ފަހުން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅަކީ ވެސް ދިވެހިންގެ ދިރިއުޅުމާއި ވެށްޓާއި ގުޅޭގޮތުން ލިޔުއްވުމެވެ. މަރުޙޫމް ޝަފީޤަކީ ހިތްޕުޅު ހެޔޮ އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. މަޢުލޫމާތުގެ ކަނޑެކެވެ. އިހުގެ ތާރީޚު ނުހަނު ފަސޭހަކަމާއެކު ދަރިވަރުންނަށް އޮޅުންފިލުވައިދެއްވި އުސްތާޛެކެވެ. އަޙުމަދު ޝަފީޤު އަވަހާރަވުމުގެ ހިތާމައިގެ ކަރުނަ ދިވެހި ތާރީޚު އަޅާނެކަން ކަށަވަރެވެ. އޭނާ ނެތްކަމުގެ ފަޅުކަން މުޅި ދިވެހިއަދަބިއްޔާތަށް ލިބޭނެކަން ކަށަވަރެވެ. ކޮންމެއަކަސް މިފަނާވަނިވި ދުނިޔެއާ ޝަފީޤް އަލްވަދާޢު ކިޔުއްވައިފިއެވެ. 2015ވަނަ އަހަރުގެ އޭޕްރިލް މަހުގެ 24ވީ ހުކުރު ދުވަހުއެވެ. އެއީ ހިޖުރީ ސަނަތުން 5ރަޖަބު 1436ވީ ހުކުރު ދުވަހެވެ. ކަށުނަމާދުކުރުން އޮތީ ހުކުރު ނަމާދަށްފަހު މަސްޖިދުއް ތަޢާވުނު (މާލޭ އާސަހަރާ މިސްކިތު)ގައެވެ. ވަފުޅުލެވުނީ ވެސް އާސާރާގައެވެ. އާދޭހެވެ! “ޤައުމަކަށް ކުޅަ ޚިދުމަތެއް މީހާގެ ނަން މަތިވެރި ވެދާށިއެވެ. އައުކަމާ ތާޒާކަމާއި ފެހިކަން ނަމަށް ދާއިމް ވެދާށިއެވެ. “ދާދިއަވަހަށް ނެތި ފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް- ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއް ނެތެވެ. މަރުހޫމް އަޙުމަދު ޝަފީޤް ދިވެހި ޤައުމަށް ދިވެހިބަހަށް، ދިވެހި އަދަބިއްޔާތަށް، ދިވެހިތާރީކަށް ދިވެހިވެށްޓަށް، ދިވެހި މާހައުލަށް، ދިވެހީންނަށް ކޮށްދެއްވި ޚިދުމަތްތަކަށް ނިމުމެއް ނެތެވެ. އެއީ އެޚިދުމަތްތަކުން އޭނާގެ ނަން މަތިވެރިވާ ފަދަ އަގުހުރި ގިނަ ޚިދުމަތްތަކެކެވެ. އޭގެ ސަބަބުން އޭނާގެ ނަން ޖީލުންޖީލަށް ވިދައިބަބުޅާނެ ޚިދުމަތްތަކެވެ. އެ ޚިދުމަތުގެ ޒިކުރާއަކަށް ނިމުމެއް ނެތެވެ. އެ ހަށިގަނޑު އަޅުގަނޑުމެންނާ ވަކިވިޔަސް، އެރޫޙެއް، އެ ޒިކުރާއެއް، އަޅުގަނޑުމެންނާ ވަތްކެއްނުވާނެއެވެ. މާތްﷲ، މަރްޙޫމް އަޙްމަދު ޝަފީޤުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި،ޖަންނަތުލް ފިރުދައުސުގެ މަތިވެރިވެގެންވާ ސަވާބާއި ހެޔޮ ދަރުމަ ދެއްވާށިއެވެ. އޭނާގެ ޢާއިލާއަށް ކެތްތެރިކަމާއި ހެޔޮ ނަސީބު މިންވަރު ކުރައްވާށިއެވެ. آميــــــن 5 ރަޖަބު 1436 24 އޭޕްރީލް 2015