ކޮންމެ އަހަރެއްގެ ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީން ބާއްވާ އަތުލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. މީގެ ކުރިން މި މުބާރާތަކީ ދައުލަތުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދިޔަ މުބާރާތެކެވެ. ނަމަވެސް މި އަހަރުގެ މުބާރާތުގައި އޮފީސްތަކުގެ އިތުރުން 18އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބައިވެރިވެވޭނެއެވެ. މި މުބާރާތް ބަހައިލައިފައިވަނީ މައިގަނޑު 3 ބަޔަކަށެވެ. އެއީ “ރީތިތާނަ”، “އަވަސް ތާނަ”، އަދި “ފަރުމާތާނަ”އެވެ. 2022ވަނަ އަހަރުން ފެށިގެން މި މުބާރާތަކީ އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައިވާ މުބާރާތެއްކަމުގައި ވިޔަސް އޮންލައިންކޮންނާއި އެކެޑަމީއަށް ވެސް މި މުބާރާތުގެ ތަކެތި ހުށަހެޅޭ ގޮތަށް މިހާރު މި ވަނީ ހުޅުވައިލައިފައެވެ.
މި މުބާރާތުގައި އޮފީސްތަކާއި އަމިއްލަ ގޮތުން ބައިވެރިވާ ފަރާތްތަކުން މައުލޫމާތާއި މުބާރާތާ ގުޅޭ ލިޔެކިޔުންތައް 2025 އެޕްރީލު 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ދިވެހިބަހުގެ އެކެޑަމީއަށް ހުށަހަޅަންޖެހެއެވެ. މުބާރާތަށް ލިޔުން ހުށަހަޅަންޖެހޭ ގޮތުގެ ތަފުސީލާއި މުބާރާތުގެ ގަވައިދު އެކެޑަމީންނާއި އެކެޑަމީގެ މަންސަތަކުން ލިބެންހުންނާނެއެވެ.
މި މުބާރާތުގެ ކޮންމެ ބަޔަކުން ވެސް އެންމެ ރީތި 10 ލިޔުން ހޮވާނެއެވެ. އަދި މިއިން ކޮންމެ ބަޔަކުން 1ވަނަ، 2ވަނަ، 3ވަނަ ހޮވާނެއެވެ. އަދި އޮފީސްތަކުން 1ވަނަ، 2ވަނަ، 3ވަނަ އޮފީސް ވެސް ހޮވާނެއެވެ. މި ފަރާތްތަކަށް ތަށްޓާއި އިނާމާއި ހަނދާނީ ލިޔުން ދެވޭނެއެވެ.
މި މުބާރާތުގެ މަޤުޞަދަކީ ދިވެހިބަހާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުގުވެރިކަން އިތުރުކުރުމާއި ތާނަ ރީތިކޮށް ލިޔާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމެވެ. މި މުބާރާތުގެ ނަތީޖާފާޅުކުރުން އޮންނާނީ އެކެޑަމީން ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމު: