Skip to content Skip to sidebar Skip to footer

މީރާއާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ކުރިއަށް ގެންދިޔަ ކޯސް ނިމިއްޖެ

ދިވެހިބަހުގެ އެކެޑަމީ އާއި މީރާ ގުޅިގެން ކުރިއަށް ގެންދިޔަ ދިވެހިބަހުގެ ކޯސް ކާމިޔާބުކަމާ އެކު ނިމިއްޖެއެވެ.

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯސް މި ފަހަރު ކުރިއަށް ގެންދިޔައީ މީރާގެ އެދުމުގެ މަތީންނެވެ.

މި ފަހަރުގެ ކޯސް ކުރިއަށް ގެންދިޔައީ ސެޕްޓެންބަރު 8އިން 11ވަނަ ދުވަހުގެ ނިޔަލަށެވެ. މީރާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން 10 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 23 މުވައްޒަފުން ބައިވެރިވެ 17 މުވައްޒަފުން ވަނީ ސެޓުފިކެޓު ހާސިލުކޮށްފައެވެ.

މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވަނީ ދިވެހިބަހުގެ ގަވާއިދާއި، ކުށެއް ނެތް ރީތި އިބާރާތުން ލިޔާނެ ގޮތާއި، އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތްކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތްތަކެވެ.

މި ކޯހުގައި ކިޔަވައިދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ދެ ދާރިސުން ކަމުގައިވާ އަޒީޒާ އަފީފާއި ޝިއުނާ އަޙުމަދެވެ.

މި ކޯސް ނިންމި ބައިވެރީންނަށް ކޯސް ނިންމި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަސް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށެވެ. އޭގެތެރޭގައި މުއާމަލާތުކުރުމުގައި ބަހުގެ ގަވާއިދާއި ހަމަތައް ރަނގަޅު ގޮތުގައި ބޭނުންކުރުމާއި، ސާފު ރީތި ދިވެހިބަހުން މުއާމަލާތްކުރުމަކީ ވެސް މުހިންމުކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ބައެއްކަހަލަ ކުށް އިބާރާތް ބޭނުންކުރުމާއި ބަސް މަސްހުނިކޮށް ބޭނުންކުރުން މިއަދުގެ މުޖުތަމައުގައި، ޚާއްސަކޮށް އޮފީސް މާހައުލުގައި އާންމުވަމުން އަންނަކަމާއި މިފަދަ ކަންކަމަށް ސަމާލުކަން ނުދެއްވައިފި ނަމަ، މުސްތަގުބަލުގައި ދިވެހިބަހަށް އޮންނަ ލޯތްބާއި އިހުތިރާމު ގެއްލި ހިނގައިދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މީރާގެ މުވައްޒަފުންނާއި ބައެއް އިސްވެރީން ބައިވެރިވެވަޑައިގަތެވެ.