Skip to content Skip to footer

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތް ފަށައިފި

ދިވެހި ބަހުގެ އެކެޑަމީން އިސްނަގައިގެން ދިވެހިރާއްޖޭގެ ހުރިހައި އިސްކޫލު މަދަރުސާތަކާއި މަތީ ތައުލީމުދޭ ކޮލެޖު ޔުނިވަރސިޓީތަކާއި އަމިއްލަ ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކަށް ހުޅުވައިލައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. ރޭ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މާލަމުގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައި ވާ ޙަސަން ޝާކިރު މުޙައްމަދެވެ.  

މި މުބާރާތުގައި މާލޭގެ 19 އިސްކޫލަކާއި، އަތޮޅުތެރޭގެ އެކި ރަށްރަށުން 10 އިސްކޫލެއް ބައިވެރިވިއެވެ. ދަށު ސާނަވީ ގިންތީގައި 23 އިސްކޫލަކުން 114 ދަރިވަރުންނާއި ސާނަވީ ގިންތީގައި 20 އިސްކޫލަކުން 102 ދަރިވަރުންނާއި މަތީ ސާނަވީ ގިންތީގައި 7 އިސްކޫލަކުން 36 ދަރިވަރުން މުބާރާތުގައި ބައިވެރިވެފައި ވެއެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ބައިގައި 18 އަހަރުންދަށުގެ 1 ބައިވެރިއަކާއި 18 އަހަރުންމަތީގެ އުމުރުފުރާއިން އަމިއްލަ ގޮތުން 2 ފަރާތެއް ބައިވެރިވެފައި ވެއެވެ.

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ އޮފީސް ކުލަބު ޖަމިއްޔާތަކުގެ ބައިގައި ޖުމްލަ 3 ޓީމެއް ބައިވެރިވެފައި ވެއެވެ. ބަހުސްގައި ބައިވެރިވެފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ޓީމާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރެކްރިއޭޝަން ކުލަބާއި އެމް.ޓީ.ސީ.ސީއެވެ.

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތުގެ އިސްކޫލުތަކުގެ ބައި ކުރިއަށް ގެންދަނީ ދެ ބުރަކަށް ބަހައިލައިގެންނެވެ. އެއީ ފައްސިޔަ ބުރާއި އަރުތަ ބުރެވެ. ފައްސިޔަ ބުރުގައި ދަށު ސާނަވީ ގިންތީގެ ދަރިވަރުން ވާހަކަދެއްކުމަށް ގުރުއަތުން ނެގޭ މައުޟޫއަށް ތައްޔާރުވުމަށް 3 މިނެޓުގެ ވަގުތު ދީ، ދަރިވަރުން ވާހަކަދެއްކުމަށް 5 މިނެޓު ދޭނެއެވެ. އަދި ސާނަވީ ގިންތިއާއި މަތީ ސާނަވީ ގިންތީގެ ދަރިވަރުންނަށް ވެސް ގުރުއަތުން ނެގޭ މައުޟޫއަށް ތައްޔާރުވުމަށް 3 މިނެޓާއި ވާހަކަދެއްކުމަށް 7 މިނެޓުގެ ވަގުތު ދޭނެއެވެ.

މީގެ އިތުރުން ދަށު ސާނަވީ، ސާނަވީ އަދި މަތީ ސާނަވީ ގިންތީން ފައްސިއްޔަ ބުރުގައި ވާދަކުރާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ މާކުސް ހޯދައިގެން ކޮންމެ ގިންތިއަކުން އެންމެ މޮޅު 10 ދަރިވަރުންގެ ގޮތުގައި ހޮވޭ ދަރިވަރުން ވާދަކުރާނީ އަރުތަ ބުރުގައެވެ. އަރުތަ ބުރުގައި ވާހަކަދައްކާ ބައިވެރިން ތަރުތީބުކުރާނީ ވަގުތުން ނަގާ ގުރުއަތަކުންނެވެ. އަރުތަ ބުރަކީ ދެ ބަޔަކަށް ބަހައިލައިގެން ކުރިއަށްގެންދެވޭ ބުރެކެވެ. ފުރަތަމަބުރުގައި 10 ދަރިވަރުން ވެސް އެއް މައުޟޫއަކަށް ވާހަކަދައްކާއިރު އަރުތައިގެ ދެވަނަ ބުރުގައި ދަރިވަރުން ވާހަކަދައްކާނީ ކަނޑައެޅޭ މައުޟޫތަކެއްގެ ތެރެއިން އެ ދަރިވަރަކަށް ގުރުއަތުން ނެގޭ ކުއްލި މައުޟޫއަކަށެވެ. އަރުތަ ބުރުގައި ވާދަކުރާ ދަރިވަރުންގެ ތެރެއިން މުބާރާތުގައި ކޮންމެ ގިންތިއަކުން 1ވަނަ، 2ވަނަ އަދި 3ވަނަ ދަރިވަރު ހޮވާނެއެވެ. އަދި ކޮންމެ ގިންތިއަކުން އެންމެ މޮޅު 10ދަރިވަރުން ވެސް ހޮވާނެއެވެ.

މި މުބާރާތުގެ ބައިވެރިންގެ ވާހަކަދެއްކުން ކުރިއަށް ގެންދާނީ މި ހިނގާ ފެބުރުވަރީ މަހުގެ 11ން 28ގެ ނިޔަލަށެވެ.

މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވާނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ފާހަގަކޮށްލެވޭ، އަދި ވާހަކަދެއްކުމުގެ ފަންނުގައި ތަޖުރިބާކާރު ބޭފުޅުންނެވެ.