Skip to content Skip to footer

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކޮށްފި

އޮކްޓޫބަރު 26ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި ރާއްޖޭގެ އަތޮޅުތަކުގެ ދަރިވަރުންނަށް މަޢުލޫމާތުދިނުމުގެ ސެޝަނެއް ބޭއްވުނެވެ. ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ގްރޭޑް 7އިން މަތީގެ ދަރިވަރުންނަށެވެ. މި ބައްދަލުވުން ބޭއްވުނީ ރަށްރަށުގެ ދަރިވަރުންނަށް ދާދިވަރުކޮށް، އަދި މާލޭގެ ސްކޫލްތަކުގެ ދަރިވަރުން އިސްލާމިކް މިނިސްޓްރީގެ ހޯލަށް ހާޒިރުވެގެންނެވެ.

މި ސެޝަންގައި އިސްލާމްދީނުގެ މަތީގައި ދެމިތިބުމުގެ މުހިންމުކަމާ ގުޅޭ ގޮތުން އައްޝައިޚު މުތީޢު އިސްމާޢީލް ދަރިވަރުންނަށް މައުލޫމާތުދެއްވިއެވެ. އަދި ރާއްޖެ އިސްލާމްވީ ހާދިސާއާ ގުޅޭގޮތުން ކިޔަމުން އަންނަ ވާހަކައާއި ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާ ބެހޭ ގޮތުން ދިރާސީ ނަޒަރުން އުސްތާޛު އިޔާޒު ޖާދުﷲ ނަސީމް މަޢުލޫމަތުދެއްވިއެވެ.

ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް 4 ބޭފުޅުންގެ ޕެނަލެއް އެކުލަވައިލެވުނެވެ. ދަރިވަރުންގެ ހިތުގައި ދީނީ ގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބުދެއްވައިފައި ވަނީ އައްޝައިޚު މުތީއު އިސްމާޢީލް މުޙައްމަދާއި އައްޝައިޚު އަޙުމަދު ފަހުމީ ދީދީއެވެ. ތާރީޚީ ގޮތުން ހުށަހެޅުނު ސުވާލުތަކަށް ޖަވާބު ދެއްވީ ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދާއި އުސްތާޛު ޖާދުﷲ ނަސީމެވެ.

މީގެ އިތުރުން ސެޝަންގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރާއި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވާހަކަފުޅުދެއްކެވިއެވެ.  

މި ސެޝަންގައި ރާއްޖޭގެ 80 ވަރަކަށް ސްކޫލުން 2000ހެއްހައި ދަރިވަރުން ބައިވެރިވިއެވެ.