Skip to content Skip to footer

80 އިސްކޫލަކާ އެކު ދިވެހިބަހުގެ އެކެޑަމީން ޤައުމީ ދުވަހުގެ ޖަލްސާ ކުލަގަދަކޮށް ބާއްވައިފި

ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދިނުމަށް ދިވެހިބަހުގެ އެކެޑަމީން ބޭއްވި މަސައްކަތު ބައްދަލުވުން ނިންމުމަށާއި، މި އަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ 1 ރަބީޢުލްއައްވަލް 1445ގައި ދިވެހިބަހުގެ އެކެޑަމީގައި ބާއްވައިފިއެވެ. 2023 ސެޕުޓެންބަރު 16 ވީ ހޮނިހިރު ދުވަހު ހަވީރު ދާދިވަރުކޮށް ކުރިއަށް ގެންދިޔަ މި ޖަލްސާއަކީ ދިވެހިރާއްޖޭގެ ހުރިހާ އިސްކޫލުތަކަށް ހާއްސަކޮށްގެން ދިވެހިބަހުގެ އެކެޑަމީން ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތު ބައްދަވުން ނިންމުމާއި އަދި މި އަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން 80އަށް ވުރެ ގިނަ އިސްކޫލަކުން 3000އެއްހާ ދަރިވަރުން މި ހަފްލާގައި ބައިވެރިވިއެވެ. މި ޖަލްސާގައި ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތު ބައްދަލުވުން ފުރިހަމަކުރި އިސްކޫލުތަކުގެ ދަރިވަރުންގެ ތެރެއިން ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަން ބޭނުންވި ދަރިވަރުންގެ ނަންނޯޓުކޮށް، އަތޮޅުތަކުގެ އިސްކޫލުތަކުން 3 ދަރިވަރަކާއި މާލޭގެ އިސްކޫލަކުން 1 ދަރިވަރަކު ގުރުއަތުން ހޮވައި، ވާހަކަދެއްކުމަށް ފުރުސަތު ދެވުނެވެ.

ގައުމީ ދުވަހުގެ ހާއްސަ ކަންކަމާއި ގުޅޭގޮތުން ދަރިވަރުންނަށް ވާހަކަދައްކަން ދިން ފުރުސަތުގައި ހއ. އަތޮޅު ސްކޫލުގެ ދަރިވަރު ފާތިމަތު ޝަޢިހާ ޢަލީ ދެއްކި ވާހަކައިގައި ދިވެހިގައުމު ދެކެ ދަރިވަރުން ލޯބިވުމުގެ މުހިންމުކަމާއި ގައުމަށް ޓަކައި ބޮޑުތަކުރުފާނުން ކުރެއްވި ޖިހާދުގެ މަތިވެރިކަމާއި، އެކަމުން ދަރިވަރުންނަށް ލިބޭ ޢިބްރަތްތައް ކިޔައިދީ، ގައުމިއްޔަތުގެ ލޯބި ހިތުގައި އާލާކުރުމުގެ ގޮތުން ދަރިވަރުންނަށް ކުރެވިދާނެ ކަންތައްތައް ބަޔާންކޮށްދިނެވެ.

ހުވަދޫ ސްކޫލުގެ ދަރިވަރު މީޝަން ވަހީދު ދެއްކި ވާހަކައިގައި ބޮޑުތަކުރުފާނު ތުއްޕުޅު އިރުއްސުރެ މިނިވަންކަމަށް ލޯބިކުރެއްވި ގޮތްތަކާއި މިނިވަންކަން ދިފާޢުކުރެއްވުމަށް ޓަކައި ޖިހާދުކުރެއްވި ގޮތް ދަރިވަރުންނަށް ކިޔައިދީ، ދަރިވަރުންނަށް މިކަމުން ޙާސިލްކުރެވިދާނެ ކަންތައްތައް އޮޅުންފިލުވައިދިނެވެ.

މީގެ އިތުރުން ހިދާޔާ ސްކޫލުގެ ދަރިވަރު ނާޒް އަބީރު ދެއްކި ވާހަކަތަކުގައި ބޮޑުތަކުރުފާނުގެ ޖިހާދުން ލިބުނު އިބްރަތްތަކަކީ ކޮބައިކަމާއި، އަމިއްލަ ނަފްސަށް ވުރެ ގައުމު އިސްކުރުމުގެ މުހިންމުކަމާއި، ގައުމު ގައުމެއްގެ ގޮތުގައި ފެންނަން މި އޮތީ އުތީމު މަހާރަދުންނާއި ދޮންބަންޑާރައިންގެ މަސައްކަތްޕުޅުންކަން ދަރިވަރުންނަށް ކިޔައިދިނެވެ. އަދި މިހާރުގެ ހާލަތާއި އިހުގެ ރީތި އަހުލާގިއްޔަތުގެ ސިފަތަކާ މެދު ވިސްނައި، ހުއްބުލްވަތަންގެ ރީތި ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގަތުމުގެ މުހިންކަން ކިޔައިދިނެވެ.

މި ޖަލްސާގައި ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ފާތިމަތު ސާރާ ނަޒީރު ގައުމީ ދުވަހާއި ގުޅޭ ގޮތުން ވާހަކަދައްކަމުން މިހާރުގެ ދަރިވަރުންގެ ކިބައިގައި ގައުމިއްޔަތަށް ލޯބިކުރުމުގެ ސިފަ އަށަގެންނެވުމަށް ކުރެވިދާނެ މަސައްކަތްތަކާއި، ދިވެއްސެއްގެ ގޮތުގައި ދަރިވަރުންގެ ކިބައިގައި އަށަގަންނުވަންޖެހޭ ސިފަތައް ދަރިވަރުންނަށް ކިޔައިދިނެވެ. އަދި ގައުމިއްޔަތެއްގައި އިސްލާމީ ވަހުދަތުގެ މާތްކަމާއި ދިވެހިބަހާއި ދިވެހި ގައުމިއްޔަތު ދެމެހެއްޓުމަށް ޓަކައި ދަރިވަރުންގެ ދީނީ ރޫހު ވަރުގަދަކުރަން ޖެހޭކަން ފާހަގަކުރިއެވެ. އަދި މިހާރުގެ ސޯޝަލް ޕްލެޓްފޯރމްތަކުން ލިބިދޭ ފިކުރީ ހިޔާލުތަކަކީ ދަރިވަރުން ގައުމިއްޔަތާއި ދުރުވުމުގެ އަސްލެއްކަން ބުނެދިނެވެ. އެހެންކަމުން ގައުމީ ރޫހު ދަރިވަރުންގެ ހިތްތަކުގައި އަށަގެންނެވުމަށް ގައުމީ ބަތަލުން ކުރެއްވި ޖިހާދުގެ މާތްކަމާއި، އެބޭފުޅުން އިސްކުރެއްވި ގައުމިއްޔަތުގެ ކަންކަން ދަރިވަރުން ދަސްކުރަންޖެހޭކަން އޮޅުންފިލުވައިދިނެވެ.

މި މަސައްކަތުބައްދަލުވުމުގައި ވާހަކަދައްކަން ލިބޭ މައުލޫ މާނަކުރާގޮތާއި، ވާހަކަދައްކަން ފެށުމާއި، ދައްކާ ވާހަކަ ނިންމުމާއި ވާހަކަދައްކާއިރު ބަހުގެ ހަމަތައް ހިފަހައްޓަންޖެހޭ ސަބަބުތަކާއި، އަދަބިއްޔާތުގެ އުކުޅުތައް ގެންގުޅޭނެ ގޮތާއި މައުޟޫގެ އޮނިގަނޑު ރާވާނެގޮތް ދަރިވަރުންނަށް ދަސްކޮށްދެވުނެވެ. އަދި  ދަރިވަރުންނަށް ދެވުނު މި ފުރުސަތުތަކަކީ މަސައްކަތު ބައްދަލުވުމުން އެކުދިންނަށް ދަސްވި ވާހަކަދެއްކުމުގެ ހުނަރުތައް އެކުދިންގެ ވާހަކަދެއްކުމުގައި ބޭނުންކުރާނެ ގޮތް އަމަލީގޮތުން ދައްކަން ދެވުނު ފުރުސަތެކެވެ.

މީގެ އިތުރުން ޤައުމީ ދުވަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދެވުނު މި ރަސްމިއްޔާތުގައި ގައުމީ ދުވަހާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ދިވެހި ޤައުމީ ދިފާއީ ބާރުގެ ވޮރަންޓް އޮފިސަރ ގްރޭޑް 2 ހުސައިން ޞަލާހު ޔޫސުފް ދަރިވަރުންނަށް ހުށައަޅުއްވައިދެއްވިއެވެ. ހުސައިން ޞަލާހުގެ ވާހަކަފުޅުގައި އަސްކަރީ ނަޒަރަކުން ގައުމީ ދުވަހުގެ ބަތަލް މުޙައްމަދު ތަކުރުފާނު ކުރެއްވި ޖިހާދުގެ މަށްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ބޮޑުތަކުރުފާނު ގައުމަށް ޓަކައި ތެދުވެވަޑައިގެންނެވި ބޭނުމާއި، ބޮޑުތަކުރުފާނު އޭރު، މާ ބޮޑު ވަސީލަތެއް ނެތް ޒަމާނުގައި ހަނގުރާމަކުރެއްވި ގޮތްތައް އޮޅުންފިލުއްވައިދެއްވިއެވެ. އެގޮތުން ދުޝަމަނުންނަށް ދިވެހިރާއްޖޭގެ ސަރަހައްދުތައް ނޭނގުމާއި، ބޮޑުތަކުރުފާނަށް މި ސަރަހައްދުތައް ރަނގަޅަށް އެނގިވަޑައިގެންފައި ވުމީ ކާމިޔާބު ލިބުމުގެ އަސްލެއްކަމުގައި ވިދާޅުވެދެއްވިއެވެ. ކަމެއް ކާމިޔާބުކުރުމަށް އިސްނެގުމާއި، ކަމެއް ހާސިލްކުރުމަށް ބަހައްޓަން ޖެހޭ ޝައުގުވެރިކަމާއި ފަސް އަހަރު ދުވަހު ބޮޑުތަކުރުފާނު ވެވަޑައިގެންނެވި ތައްޔާރީތަކުގެ މައްޗަށް ވެސް ޞަލާޙުގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. އަދި ދަރިވަރުންނަށް މިކަމުން ލިބިދޭ އިބްރަތްތަކާއި މުސްތަގުބަލުގައި ދަރިވަރުންނަށް ގައުމަށް ޓަކައި ކޮށްދެވިދާނެ ކަންކަމުގެ މަށްޗަށް ވާހަކަފުޅު ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ވާހަކަފުޅުދައްކަވަމުން އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމްގެ ވާހަކަފުޅުގައި ޤައުމިއްޔަތު ދިރުވަން އެދޭނަމަ ދިވެހިބަހުން ކިޔަވައިދޭ މާއްދާތައް އިތުރުކުރަންޖެހޭކަމަށް ފާހަގަކުރައްވައި، ބޮޑުތަކުރުފާނުގެ ޖިހާދުން އެ ފާހަގަވި ކަންކަން އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް އިނގިރޭސި ބަހުން ކިޔަވައިދެއްވަންޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވިއެވެ.

ޕްރައިމަރީ ގްރޭޑްތަކުން ފެށިގެން ސެކަންޑްރީ ގްރޭޑްތަކާ ހަމައަށް ދަރިވަރުން ސްކޫލުގައި 8 ގަޑިއިރު ހޭދަކޮށް، ހަފުތާއަކު ހަތަރު ދުވަހު އޮންނަ ދިވެހި ގަޑީގައި ދިވެހި ބަސް ދަސްކޮށްގެން ޤައުމިއްޔަތު ކުރިއެރުވިދާނެ ކަމާ މެދު ސުވާލުއުފެދޭ ކަމަށާއި، އެކަން އެގޮތަށް ޤަބޫލުފުޅު ނުކުރައްވާކަމަށް އެކެޑަމީގެ ރައީސް ފާހަގަކުރެއްވިއެވެ.

 މީގެ އިތުރުން ދިވެހި ޓީޗަރުންނަކީ ދިވެހި ބަހާއި ގައުމަށް ލޯބިކުރާ ބަޔަކަށް ވާންޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި ޤައުމިއްޔަތު ދިރުވަން ބޭނުންވާކަމުގައި ވަނީ ނަމަ މިއަދު މި ގައުމުގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ތައުލީމީ ނިޒާމަށް ބަދަލެއް ގެންނަވަން ޖެހޭ ކަމަށް އެކެޑަމީގެ ރައީސް ވިދާޅުވިއެވެ. މީ މިފަދަ ތާރީޚީ ގޮތަކަށް ދާދިވަރުކޮށް ގައުމީ ދުވަހުގެ ޖަލްސާއެއް އެކެޑަމީން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.