“ދިވެހި ޤައުމުގެ ވަޠަނީ ލޯތްބާއި ޤައުމީ ލޯބީގެ ފެންއާރަކީ ދިވެހިބަސް” “ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ހަމައެކަނި ރަމްޒު” “ދިވެހިބަހަކީ ދިވެހި ސަގާފަތުގެ މަދު” “އަހަރެމެންނަކީ ދިވެހީންކަން އަންގައިދޭ ހަމައެކަނީ ބަހާއަކީ އަހަރެމެންގެ ބަސް” “ދިވެހި ޤައުމިއްޔަތުގެ ރޫޙަކީ ދިވެހިބަސް” “ދިވެހިޤައުމުގެ ޙަޤީޤީ ވިންދަކީ ދިވެހިބަސް” “ޤައުމިއްޔަތު ބާރުވެރިކުރެވޭނީ ދިވެހިބަސް ބާރުވެރިކޮށްގެން” “ބަހެއް އޮތުމަކީ ފަޚުރެއް ނޫން، ފަޚުރަކީ އޮތް ބަހާ މެދު ފަޚުރުވެރިވުން” “ދިވެހިބަހަކީ ދިވެހީންގެ ޝުޢޫރާއި ޚިޔާލުގެ އަސަރު” ” އިޖުތިމާޢީ ކަންކަމުގައި އެންމެނަށް ބައިވެރިވެވޭނީ އެ މުޖުތަމަޢެއްގެ އަހުލުވެރިބަހުން ކަންކަން ކޮށްގެން. ދިވެހި މުޖުތަމަޢުގައި ނަމަ ދިވެހިބަހުން ކަންކަން ކޮށްގެން”
“ތަޢުލީމުގެ އެއްވެސް މަރުޙަލާއަކުން އެއްވެސް ދަރިވަރަކު ބާކީ ނުވާނެ ހަމައެކަނި އަސާސަކީ ދިވެހިބަހުން ތަޢުލީމު ދިނުން” “ބަހަށް ޤަދަރު ކުރަން ނުދަންނަ މީހަކަށް ބަހުގެ އަގު ވަޒަންކުރާކަށެއް ނޭނގޭނެއެވެ” “މިޤައުމުގެ ދަރީން ތަރުބިއްޔަތުކޮށް ކުރިމަގުގެ އާރުކާޓީންނަށް ހެއްދެވުމުގައި އެކުދިންނަކީ ދިވެހި ބަސްދެކެ ލޯބިވާ ކުދިންކަމުގައި ހެއްދެވުމަކީ ބެލެނިވެރިންނާއި މުދައްރިސުންގެ ވާޖިބެއް!” “ދިވެހިބަހަކީ ދިވެހި އުންމަތުގެ އިޙުސާސާއި ޝުޢޫރުގެ އަޑު” “ދިވެހިބަސް މަރުވާ ދުވަހަކީ ދިވެހި އުންމަތުގެ ރޫޙު މަރުވާ ދުވަސް” “ދިވެހި ޤައުމުގެ ހިތަކީ ދިވެހިބަހެވެ. ދިވެހިބަހަށް ނޭވާ ލިޔަދީ. ޤައުމު ދިރި އޮންނާނީ އޭރުން” ” ދިވެހީންގެ އިއްޔެގެ ވާހަކަ އަދަށް ކިޔައިދިނީ ދިވެހިބަސް.” ” އިއްޔެއާއި މިއަދާއި މާދަމާގެ ހަނދާންތައް ތާއަބަދަށް ދަމަހައްޓަނީ ބަސް” “ޖީލުންޖީލަށް އަހަރެމެންގެ ވާހަކަ އުފުލައިދޭ ސަވާރީއަކީ އަރެމެންގެ ބަސް. ލޮބުވެތި ދިވެހިބަސް” ” ތިމާއަށް ތިމާގެ ބަހުން އެއްޗެއް ބުނަން ނޭގުމަށް ވުރެ ނިކަމެތި ކަމެއް ނެތް ” “ދިވެހި ޤައުމު ދެކެ ލޯބިވާނަމަ، ދިވެހިބަސް ދެކެ ލޯބިވާނެ” ” ދިވެހިބަހަކީ ދިވެހީންގެ ކުލަޔާއި ވަހާއި ރަހައިގެ އަސަރު” ” ދިވެހިބަހުން ނުބުނެވޭ އެއް ވެސް ވާހަކައެއް ނެތް. ކޮންމެ އެއްޗެއް ވެސް ބުނެވޭ” “އަޅުގަނޑުމެންނަކީ ހަމަ ޙަޤީޤަތުގައިވެސް ވަރަށް ނަސީބުވެރި ބައެއް. އަމިއްލަ ބަހަކާއި އަކުރެއް އޮތް އޮތުން މިއީ ހާއުފާކޮށް ދެންނެވޭ ޝުކުރުތަޢުޒީމަށް ނިމުމެއްނެތް ކަމެއް.” “ދިވެހިބަހުގެ ކުރިމަގު އޮތީ ދިވެހި ކިޔަވާކުދީންގެ އަތްމަތީގައި. ކާބަފައިންގެ މި ފަޚުރު އަމާނާތްތެރިކަމާއެކު ޖީލުންޖީލަށް ވާޞީލްކޮށްދިނުމަކީ ދިވެހި ކިޔަވާކުދިންގެ ވަރަށް ބޮޑު ޒިންމާއެއް” “އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ އަމިއްލަ ޚިޔާލާއިފިކުރު، އިޙުސާސާއި ޝުޢޫރު، ފާޅުކޮށް ނެރެ ހާމަކުރުމަށް އަމިއްލަ ބަހަކާއި އަމިއްލަ އަކުރެއް ލިބިފައިވުމުގެ މަތިވެރި ނަޞީބް”
“ދިވެހި ކަނޑާއި ވިލާއި ފަޅުފަޅުން މަސް ފުމޭހައި ހިނދު ދިވެހި ބަސް ދިވެހިޤައުމުން ފިލައި ނުދާނެ”
“ދިވެހި ރާއްޖޭގެ ރީތި ހިމުން ދޮންވެލި ފަސްގަނޑު ދަށަށް ވެލާތައް ބިސްއަޅާހައި ހިނދަކު ދިވެހިބަސް ދިވެހި ރާއްޖެއިން ނައްތައެއް ނުލެވޭނެ”
“ދިވެހި ބަހުރުވަތަކުން ދިވެހިބަސް ފަރިވަމުންދާހައި ހިނދަކު ދިވެހިބަސް ދިރިއޮންނާނެ” “ދުނިޔޭގެ ހަމަ ކޮންމެ ބަހަކަށް މަރުޙަބާ ކިޔާ ބަހަކަށް ދިވެހިބަސް ވާންވާނެ. އެކަމަކު އެ މަރުޙަބާއަކީ ދިވެހިބަހުގެ މައްޗަށް އެޅޭ އަޅުވެތިކަމުގެ ނަގޫރޯޅިއަކަށް ވެގެން ނުވާނެ” “ދިވެހިބަހުގެ އަހުލުވެރިން ކުރާންވީ ކަމަކީ ކޮންމެ ބަހަކުން ވެސް ދިވެހިބަހަށް ލާބަހުރި މަންފާހުރި ފައިދާހުރި ކަމެއް ގެނެވޭތޯ މަސައްކަތްކުރުން” ” ބޭރުގެ ނުފޫޒާއި ބޭރުގެ ބާރުވެރި ގަދަ ބަސްބަހުގެ އަޅުވެތިކަމުން ދިވެހިބަސް ސަލާމަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ޤައުމީ ޒިންމާއެއް”
ބަހުރުވައަކީ ބަހަކަށް ލިބިގެންވާ ވަރަށް މަތިވެރި ބަހާއެއް. އެއީ ބަހަކުން އުނި ނުކުރެވޭހައި މިންވަރަށް މޫލައިފައިވާ އާރުހުރި ގޮތްޕެއް”