Skip to content Skip to footer

ކުޑަހުވަދޫ ލޯމާފާނާއި ބަސްދާރު ނެރުމާއި އެކެޑަމީގެ ވެބްސައިޓްގެ އާ އިސްދާރު އިފްތިތާޙު ކުރުން

މިއަދަކީ ދިވެހިބަހުގެ އެކެޑަމީ އުފެދުނުތާ 10 އަހަރު ފުރޭ އެކެޑަމީގެ އަހަރީ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ދިވެހިބަހުގެ އެކެޑަމީއަށް އެހީތެރިވެދެއްވާ އެންމެހައި ބޭފުޅުންނަށް ނުހަނު އިޚުލާޞްތެރި ޝުކުރު ދަންނަވަމެވެ.

ކުޑަހުވަދޫ ލޯމާފާނުގެ ދިވެހި ތަރުޖަމާއާއި ބަސްދާރުގެ އޮންލައިން އިސްދާރާއި އެކެޑަމީގެ ވެބްސައިޓުގެ އާ އިސްދާރު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ދިވެހިބަހުގެ އެކެޑަމީގައި މިއަދު 10:00 ގައި ބޭއްވުނެވެ.

މި ރަސްމިއްޔާތުގައި ކުޑަހުވަދޫ ލޯމާފާނުގެ ދިވެހި ތަރުޖަމާ ނެރެދެއްވީ ނ.ޢ.ޢ.ވ އަލްފާޟިލާ ނަސީމާ މުޙައްމަދު ކަލޭގެފާނެވެ. މި ލޯމާފާނު އެވޭލާ އަކުރުން އިނގިރޭސިބަހަށް ތަރުޖަމާކޮށްދެއްވީ ޕްރޮފެސަރ ގިޕަޓެވެ. އަދި އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކޮށްދެއްވީ އަލްފާޟިލާ ޢިޝާ ޢަބްދުލްޢަޒީޒެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ބަސްދާރުގެ އޮންލައިން އިސްދާރު ނެރެދެއްވީ ބަސް ކޮމިޓީގެ މިހާރުގެ ރައީސް އަލްފާޟިލް ޙަމްދޫން ޙަމީދެވެ. އަދި ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓްގެ އާ އިސްދާރު ނެރެދެއްވީ ނ.ޢ.ޢ.ވ އަލްފާޟިލް މުޙައްމަދު ވަޙީދެ (މަޑުލު) ވެ.