ޝުކުރިއްޔާ ދިވެހިޤައުމު

21-04-2015

ދިވެހި ސަރުކާރުން ދިވެހިބަހުގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރަން ނިންމެވި ނިންމެވުމާ ގުޅިގެން  އެދުވަސް ފާހަގަކުރުމުގައި މުޅި ޤައުމު ބައިވެރިވެރިވެފައިވާތީ ނުހަނު އުފަލާއެކު އެކަން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ. ދިވެހިރާއްޖޭގެ މަދަރުސާތަކުން މި ދުވަސް ފާހަގަކުރައްވަން ދެއްވި އިސްކަމާއި ދިވެހިބަހަށްޓަކައި އުފުއްލެވި އަޑުތަކާއި ކުރެއްވި އިލްތިމާސްތަކުން ހާމަވީ ދިވެހީން ދިވެހި ބަސް ބޭނުންކަމެވެ. ދިވެހީންގެ އަމިއްލަވަންތަ ޝަރަފަށް ޤަދަރުކުރާކަމެވެ. އަމިއްލަވަންތަ ގޮތާއި ސަގާފަތް ދިރުވައި އާލާކުރަން ބޭނުންވާކަމެވެ. ނަތީޖާއަކީ ކެލައައްޑޫއިން ފެށިގެން މުޅި ރާއްޖޭގެ ރަށްރަށާއި އަތޮޅުތަކުން ގިނަ ގުނަ ޙަރަކާތްތަކެއް ހިންގުމެވެ. ދިވެހިބަސް ބޭނުންކޮށްގެން ދަރިވަރުންނާއި މުދައްރިސުންނަށް މުޢާމަލާތްކުރުމުގެ އިތުރު ފުރުޞަތުތަކެއް ފަހިވުމެވެ. ދިވެހިބަހުގެ ކުރިމަގު ރޭވުމަށް ބޭނުންވާ އާ ވިސްނުމާއި ޚިޔާލާއި ފިކުރު އުފެދި ހާމަވުމެވެ. އެކަމަށްޓަކައި މަދަރުސާތަކުގެ އިސްވެރީންނަށާއި މުދައްރިސުންނަށާއި ދަރިވަރުންނަށާއި ބެލެނިވެރީންނަށް ހިތުގެ އުމުޤުން ނުހަނު އިޙުތިރާމާއި ޤަދަރާއެކު ޝުކުރު ދަންނަވަމެވެ.ދިވެހިބަހަކީ ދިވެހީންގެ ޝަރަފުގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެއްސަކުމެ މަސައްކަތްކުރަން ވާނެއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންކަން، ދިވެހީންކަން ދިވެހީން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. އަޅުގަނޑުމެންނަކީ ޒަމާންވީ ތާރީޚަކާއި ސަގާފަތެއް ހިއްސާކުރަމުން އަންނަ ބައެއްކަން އެއް ގޮތަކަށް ވެސް ހަނދާން ނައްތައިލައިގެން ނުވާނެއެވެ. އަޅުގަނޑުމެން ބަހަކީ އަޅުގަނޑުމެންގެ ވާހަކަ ޖީލުން ޖީލަށް އުފުލައިދޭ ސަވާރީކަން ދަނެ ދިވެހިބަހަށް އެއް ވެސް ދިވެއްސަކު އިހުމާލުވެގެން ނުވާނެއެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ދިވެހިބަހަކީ ބާރުހުރި އާރުހުރި ބަހެއްގެ ގޮތުގައި އޮންނަން ޖެހޭނެއެވެ. އެކަމަށްޓަކައި އޮންނަން ޖެހޭ ޖާގަ ތަނަވަސްވެ ފުޅާވެސް ވާން ޖެހޭނެއެވެ. އަޅުގަނޑު ނުހަނު އުފަލާއެކު މި އުފާވެރި މުނާސަބާ ފާހަގަކުރުމުގައި ދިވެހިސަރުކާރުން ދެއްވި އަގު ނުކުރެވޭ ފަދަ އެހީތެރިކަމާއި ބެހެއްޓެވި ޝައުޤަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަދުގެ ރައީސުލްޖުމުހޫރިއްޔާ، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށާއި ނާއިބް ރައީސް، ޑރ. މުޙައްމަދު ޖަމީލް އަޙުމަދަށާއި ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި ވަޒީރުންނަށް ޝުކުރު ދަންނަވަމެވެ. ޚާއްޞަ ތަޢުލީމާ ބެހޭ ވުޒާރާގެ ޢިއްޒަތްތެރި ވަޒީރު އޮނަރަބަލް ޑރ. އައިޝަތު ޝިހާމުގެ ނަންފުޅު ފާހަގަކޮށް އެކަމަނާއަށް ޚާއްޞަ ޝުކުރެއް އަރިސްކުރަމެވެ. އެކަމަނާ ދިވެހިބަސް ކުރިއަރުވައި ތަރައްޤީކުރަން ދެއްވާ އަހައްމިއްޔަތަށްޓަކައެވެ. އެކަމަށްޓަކައި ސަމާލުކަން ދެއްވައި އެކިފަހަރު މަތީން ރަސްމީކޮށް ޚިޠާބުދެއްވައި ޝައުޤުވެރިކަން ފާޅުކުރައްވައި އިލްތިމާސްކުރައްވާކަމަށްޓަކައި ވެސް މެއެވެ. މިއުފާވެރި މުނާސަބާ ފާހަގަކުރުމުގައި މުޅި ޤައުމު ބައިވެރިވެ އުފާފާޅުކޮށް އެންމެން އެއްބައިވަންތަ އެއް ބައެއްވަންތަ ބައެއްގެ ގޮތުގައި ތިބެ ކިޔަމުން ދިޔައީ “ޤައުމީ ބަހުގެ ޤަދަރަށްޓަކައި އަޑު އިއްވަމާ- ޤައުމީ ބަހުގެ ޝަރަފަށްޓަކައި ދިދަ އުފުލަމާ” މިލަވައެވެ. އަޅުގަނޑު ޝުކުރުވެރިވާ ޙާލު ދަންނަވާނީ ދިވެހިބަހުގެ ޝަރަފުގައި އަބަދުމެ ދިވެހި ދިދަ އުފުލުމައި ދެމިތިބެ މާތޯއެވެ!