ކުށެއް ނެތް ސާފު ދިވެހިބަހުން ވާހަކަދެއްކުމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފު ޢަލީ އިލްތިމާސް ކުރައްވައިފި

21-02-2016

ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް 2016

މިއަދަކީ ބައިނަލް އަޤުވާމީ ގޮތުން ފާހަގަކުރާ މާދަރީ ބަހުގެ ދުވަހެވެ. މި އަހަރުގެ މާދަރީބަހުގެ ދުވަހުގެ ޝިޢާރަކީ “ފެންވަރު ރަނގަޅު ތަޢުލީމު، ކިޔަވައިދޭން ބޭނުންކުރާ ބަސް، ނެރެން ބޭނުންވާ ނަތީޖާ” އެވެ. މިއަހަރުގެ މާދަރީބަހުގެ މުނާސަބަތުގައި ޔުނެސްކޯގެ ސެކްރެޓަރީ ޖެނެރަލް މޒ. އައިރީނާ ބޮކާވޯ ފޮނުއްވި ޚިތާބުގައި ވާގޮތުން މި ޝިޢާރުން ހާމަކޮށްދެނީ ދެމެހެއްޓެނިވި ތަރައްޤީގެ 2030 ވަނަ އަހަރުގެ އައު އެޖެންޑާ ކުރިއަށް ގެންދިއުމުގައި ފެންވަރު ރަނގަޅު ތަޢުލީމާއި ބަހަވީ ސިންދަފާތަށް ޓަކައި މާދަރީ ބަހުގެ މުހިންމު ކަމެވެ. މި ބަޔާނުގައި ވާގޮތުން ޔުނެސްކޯއިން 2030 ވަނަ އަހަރު ތަންފީޒުކުރުމަށް ހަދައިފައިވާ “ތަޢުލީމު 2030 ޢަމަލީ އޮނިގަނޑު” މި މަގު ޗާޓުގައި އުނގެނުމާއި އުނގަންނައި ދިނުމުގައާއި ބަހަވީ ސިންދަފާތު (ޑައިވަރސިޓީ) ކުރިއެރުވުމުގައާއި ރައްކާތެރިކުރުމުގައި މާދަރީބަސް ބޭނުންކުރުމަށް ފުރިހަމައަށް އިޙްތިރާމްކުރުމަށް ބާރުއަޅުއްވައިފައި ވެއެވެ. މި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޓަކައި ގިނަ ބަސްބަސް ބޭނުންކުރުމުގެ ނިޒާމެއް މުހިންމެވެ. މިއީ، 2030 ވަނަ އަހަރުގެ އެޖެންޑާގައި ބަޔާންކޮށްފައިވާ، ހެދިބޮޑުވުމާއި ވަޒީފާއާއި ޞިއްޙަތާއި ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި އުފެއްދުމާއި އެ ތަކެތި ބޭނުންކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުން ހުރި ކަންތައްތައް ފަދަ ކަންކަން ކާމިޔާބު ކުރުމަށް ކުރަން ޖެހޭ ވަރަށް މުހިންމު ކަމެކެވެ. އަދިވެސް ވިދާޅުވަނީ ގިނަ ބަސްބަސް ބޭނުންކުރެވޭ ނިޒާމެއްގައި މާދަރީ ބަސް ވަނީ ފެންވަރު ރަނގަޅު ތަޢުލީމެއް ދިނުމުގައި ކޮންމެހެން ބޭނުންވާ ބަހާތައް ކަމަށެވެ.

މި އަހަރުގެ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިބަހުގެ އެކެޑަމީން ތަފާތު ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަރީބަހަށް ހޭލުންތެރިކުރުމަށް ބާއްވާ ފޯރަމްއެއް އޮންނާނެއެވެ. މީގެއިތުރުން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ރަސްމީ ޖަލްސާއެއް ވެސް އޮންނާނެއެވެ.

ދުވަހާ ގުޅިގެން އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފު ޢަލީ އިލްތިމާސްކުރައްވަނީ މަދަރުސާތަކުގައި ކިޔަވައިދެއްވާ ދިވެހިބަހަކީ ކުށެއް ނެތް ސާފު ދިވެހިބަހަކަށް ހެއްދެވުމަށެވެ. އަދިހަމައެހެންމެ ބެލެނިވެރީން ގޭގައި ކުދިންނާ ސާފު ދިވެހިބަހުން ވާހަކަދެއްކެވުމަށެވެ. ދަރިވަރުން ސާފު ދިވެހިބަހުން ވާހަކަދައްކައި ދިވެހިބަހުން ހުރި ފޮތްތައް ގިނަގިނައިން ކިޔުމަށް ދަރިވަރުންނަށް ވެސް ރައީސް  އިލްތިމާސް ކުރެއްވިއެވެ.