ނިޝާން ޢިއްޒަތްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވުމާ ގުޅިގެން ރަސްމީ ގޮތުން ތައުބީނުގެ ޖަލްސާއެއް ބާއްވައިފި

24-11-2015

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވުމާ ގުޅިގެން އެ މަނިކުފާނުގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ރޭ ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމުގައި ބާއްވައިފިއެވެ. މިއީ ދިވެހިބަހުގެ އެކެޑަމީން އިސްނަގައިގެން ބޭއްވި ޖަލްސާއެކެވެ. މި ޖަލްސާގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމާއި، އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ނަސްރީނާ އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ޢާއިލާގެ ބޭފުޅުންނާއި ގާތް ރަޙްމަތްތެރިންނާއި ސަރުކާރުގެ އެކި އެކި ވުޒާރާތަކާއި މިނިވަން މުވައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތެވެ. އަދި އިސްކޫލުތަކުގެ އިސްވެރިންނާއި މުދައްރިސުންނާއި ދަރިވަރުން ވެސް މި ޖަލްސާގައި ބައިވެރިވިއެވެ. މި ޖަލްސާގައި ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމާއި، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްކަން އޮނަރަބަލް އަޙްމަދު ޒާހިރާއި، އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާނު ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ދަރިކަލުން އަލްފާޟިލް ޙަމްދޫން ޙަމީދާއި، އަލްފާޟިލް ޝަމްޢޫން ޙަމީދާއި ދަރިކަނބަލުން ޑރ ޙާލާ ޙަމީދު ވެސް ޝުޢޫރު ފާޅުކުރެއްވިއެވެ. މި ޖަލްސާގައި ނިޝާން ޢިއްޒުތްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް ޢަބްދުއްރަޝީދު ޙުސައިން ހައްދަވައިފައިވާ ޅެމެއް އަލްފާޟިލާ ރާފިޢަތު ރަމީޒާ ހުށަހަޅުއްވައިދެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ ޙައްދަވައިފައިވާ ޅެމެއް ލަވަކިޔުންތެރިޔާ އަލްފާޟިލް ޙަސަން ޠަލާޤް ހުށަހަޅުއްވައިފައިވެއެވެ. އަދި އަލްފާޟިލް ފަރެސް އާމިރު ހައްދަވައިފައިވާ ޅެމެއް އިސްކަންދަރު ސްކޫލް ދަރިވަރުންގެ ފަރާތުން ހުށަހަޅައިދިނުން އޮތެވެ. އަދި އަލްފާޟިލް ޙަމްދޫން ޙަމީދު ހައްދަވައިފައިވާ ޅެމެއް އަލްފާޟިލް ޙުސައިން ޞަބާޙާއި އަލްފާޟިލާ ރާފިޢަތު ރަމީޒާގެ އަޑުން އިއްވައިފައިވެއެވެ. މީގެ އިތުރުން އަލްއުސްތާޛު ޢަބްދުﷲ ޙަމީދާ ގުޅޭ ގޮތުން ޚާއްޞަ ރިޕޯޓެއް ވެސް މި ޖަލްސާގައި ވަނީ މަލްޓިމީޑިއާ މެދުވެރިކޮށް ދައްކާފައެވެ. މި ޖަލްސާގައި އޮނަރަބަލް ޢަބްދުﷲ ޙަމީދުގެ ތަޤްރީރުތައް ހިމެނޭގޮތުން ޕީ. އެސް. އެމް. އިން ތައްޔާރުކުރައްވައިފައިވާ ވީޑިއޯ ސީ ޑީއަކާއި ދިވެހިބަހުގެ އެކެޑަމީން އެމަނިކުފާނާ ބެހޭ ގޮތުން ލިޔުއްވައިފައިވާ ލިޔުންތައް ހިމެނޭ ‘ޙަމީދުގެ ޒިކުރާ’ ފޮތާއި، އެ މަނިކުފާނަށް ޚާއްޞަކުރައްވައިފައިވާ ‘ކަޅު ފަތްތޫރަ’ ވެސް ވަނީ ނެރެދެއްވައިފައެވެ. މިތަކެތި ނެރެދެއްވައި އެކެޑަމީގެފަރާތުން އެމަނިކުފާނުގެ ހަނދާނުގައި ހުޅުވައިލެއްވި ތައުޒިޔާގެ ދަފްތަރާއި ރޭގެ ޖަލްސާގައި ނެރުއްވި ތަކެތި ޢާއިލާއަށް ވެދުން ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.