2015 ވަނަ އަހަރުގެ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް،މސ.އައިރީނާ ބޮކާވޯ މުޅި ދުނިޔެއަށް ދެއްވި ޚާއްޞަ މެސެޖު

19-02-2015

Download (PDF, 1.23MB)

2015 ވަނަ އަހަރުގެ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް،މސ.އައިރީނާ ބޮކާވޯ މުޅި ދުނިޔެއަށް ދެއްވި ޚާއްޞަ މެސެޖުގެ ދިވެހިތަރުޖަމާ

“ބަހުގެ ތެރެއިންނާއި ބަހުގެ ވާސިޠާއިން ހިމެނެވި ތަޢުލީމު- ބަސް މުހިންމު”

2015ވަނަ އަހަރަކީ ބައިނަލްއަޤުވާމީ ގޮތުން މާދަރީބަހުގެ ދުވަސް ފާހަގަކުރާތާ 15އަހަރު ފުރޭ އަހަރެވެ. މިއީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް އާފެށުމެކެވެ. އެއީ ކުރިން، ކަނޑައަޅައިފައިވާ ސާސްކަފު ތަރައްޤީގެ ލަނޑުދަނޑިތަކުގެ ސުންގަޑިހަމަވެ، ޤައުމުތަކުން ބަވަނަވެރި ދެމެހެއްޓެނިވި ތަރައްޤީގެ އައު އެޖެންޑާއެއް އެކުލަވައިލާ އަހަރު ކަމުގައި މިއަހަރު ވާތީއެވެ. 2015ވަނަ އަހަރު ކަނޑައަޅާ އެޖެންޑާ ކަނޑައެޅުމުގައި، އިސްކަން ދޭންޖެހޭނީ ފެންވަރު ހުރި ފަހި ތަޢުލީމެއް އެންމެންނަށް ފޯރުވައިދިނުމުގެ މައްޗަށެވެ. އެތަޢުލީމު ފުޅާދާއިރާއެއްގައި ލިބޭނޭ ގޮތް ފަހިވެފައި އޮންނަން ޖެހޭނެއެވެ. ހަމަހަމަކަމާއި އިންޞާފާއެކު އެންމެންނަށް ޝާމިލްވެވޭނޭ ތަޢުލީމެއްކަމުގެ ޔަޤީންކަން އެ ތަޢުލީމުން ލިބިދޭން ޖެހޭނެއެވެ. އަދި ބަވަނަވެރި ރަށްވެހިކަމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންތެރި ތަޢުލީމެއްކަމުގައި ވެސް އެ ތަޢުލީމު ވާންޖެހޭނެއެވެ. ފަސޭހައިން އުނގެނި ދަސްކުރުމާއި ލިޔެކިޔުމާއި ހިސާބުގެ ހުނަރުތައް ދަސްކުރުމުގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް މާދަރީބަހުން ތަޢުލީމު ދިނުން ކޮންމެހެންވެސް ބޭނުމެވެ. މިކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ކިޔަވައިދިނުމުގެ ތަމްރީނާއި ޢިލްމީ ޕްރޮގްރާމްތައް މުރާޖަޢާކުރުމާއި އުނގެނުމަށް ފަހި މާހައުލުތައް އުފައްދަން ޖެހޭނެއެވެ. މި ލަނޑުދަނޑިތައް މުޅިދުނިޔެއަށް ފަތުރައި ޙާޞިލްކުރުމަށް ޔުނެސްކޯއިން ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. ޔުނެސްކޯއާއި ޔުނިސެފް ގުޅިގެން ލެޓިންއެމެރިކާގައި، ހިމެނެވި ތަޢުލީމު ކުރިއެރުވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދޭދޭ ބަހާއި ސަގާފަތްތަކުގެ ތެރެއިން އަހުލުވެރި ސަގާފަތާއި އަހުލުވެރި ނޫން ސަގާފަތް ވެސް ހިމަނައިގެންނެވެ. ހަމަ މި ސަބަބުތަކަށްޓަކައި ތައިލެންޑުގެ ބެންކޮގުގައި ހުންނަ، ޔުނެސްކޯ ރީޖަނަލް ބިޔުރޯ ފޯރ އެޑިޔުކޭޝަން އިން އޭޝިޔާ އެންޑް ދަ ޕެސިފިކުން މަސައްކަތްކުރަނީ މާދަރީބަހުގެ މައްޗަށް ބިނާވާ ޝާމިލްކުރި ތަޢުލީމާ ބެހޭ ގޮތުން ފަހުމްވެވޭ މިންވަރު އެ ސަރަޙައްދުގައްޔާއި ދުރު ހިސާބުހިސާބުގައި ވެސް އިތުރުކުރުމަށެވެ. މާދަރީބަހުން ފޯރުވައިދެވޭ ތަޢުލީމަކީ ފެންވަރު މޮޅު ތަޢުލީމަށް އެޅޭ ބާރެކެވެ. ހިމެނެވި ތަޢުލީމު ބާރުގަދަކުރުމަށާއި ބަހަވީ އަދި ސަގާފީ ސިންދަފާތުތަކަށް، ކުރިއަރައި ތަރައްޤީވަމުން އަންނަ މުޖުތަމަޢުތަކުން އިޙުތިރާމްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މީލާދީން 2000ވަނަ އަހަރުން ފެށިގެން ” ތަޢުލީމް އެންމެންނަށް ” މި މަޝްރޫޢުގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ކުރެވުނު މަސައްކަތުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. މިއަދު އަޅުގަނޑުމެން ބަލަންވީ ނުނިމި ހުރި ކަންކަން ފުރިހަމަކުރުމަށާއި އައު ގޮންޖެހުންތަކާ ކުރިމަތިލުމަށެވެ. ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސްވަނީ، ފެންވަރުމޮޅު ތަޢުލީމެއް ދިނުމަށާއި ތަޢުލީމު ވާސިލްނުކުރެވިފައިވާ ހިސާބުތަކަށް ތަޢުލީމު ވާސިލްކުރުމަށް ކުރެވޭ ޢިލްމީ މަސައްކަތްތަކުގައި މާދަރީބަހުގެ މުހިންމުކަމަށްޓަކައި ދިދަ އުފުލައިލުމުގެ ހިނދުކޮޅެއް ކަމުގައެވެ. އެބައެއްގެ މުޖުތަމަޢުގެ އެކިކަންކަމުގައި ފުރިހަމައަށް ބައިވެރިވުމަށްޓަކައި ބޭނުންވާނޭ ވަސީލަތްތައް ކޮންމެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކަށް، ކޮންމެ އަންހެނަކާއި ފިރިހެނަކަށް ވެސް ލިބިދޭން ޖެހޭނެއެވެ. މިއީ އިންސާނީ އަސާސީ ޙައްޤެކެވެ. އަދި މިއީ ހުރިހައި ތަރައްޤީއެއް ދެމެހެއްޓުމުގެ ބާރުވެސް މެއެވެ. ސިންދަފާތު: ޑައިވަރސިޓީ

ދިވެހިބަހަށް ތަރުޖަމާކުރީ: އަލްފާޟިލާ ނަސީމާ މުޙައްމަދު، އަލްފާޟިލް އަޝްރަފް ޢަލީ