ދިވެހިބަހުގެ ގަވާއިދުގެ ބައިތަކުގެ ތެރެއިން ނަމުގެ ބަޔަށް ގަވާއިދު ކޮމިޓީން ކުރި މަޝްވަރާ

30-10-2018

Download (PDF, 977KB)


މިއީ ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން އަލަށް އެކުލަވައިލަމުން ގެންދާދިވެހިބަހުގެ އައު ގަވާއިދުގެ ނަމުގެ ބަޔެވެ. ގަވާއިދުގެ ހުރިހާ ބައިތަކެއް އަލުން ދިރާސާކޮށް އައު ގަވާއިދެއް ހަދަމުން ގެންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ގަވާއިދުގެ އެންމެ ބޮޑު އެއްބަޔަކީ ނަމުގެ ބަޔެވެ. މި ބައިގެ މަސައްކަތް އެކެޑަމީގެ ގަވާއިދު ކޮމިޓީއިން ނިންމިތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންނަމަވެސް މި ބައި މިހާތަނަށް ޝާއިޢު ނުކުރެވިވަނީ، ދިވެހިބަހުގެ އެހެން ބައެއް ބައިތައް ކަމަށްވާ ނަން އިތުރާއި އިތުރާއި ކަމުގެ ބައިތައް ފަދަ ބައިތައް ދިރާސާކޮށް އަލުން އެކުލަވައިލާއިރު ނަމުގެ ބަޔަށް ވެސް ހިސާބެއްގެ ކުދިކުދި ބަދަލު އައުމުގެ ފުރުޞަތު އޮވެދާނެ ކަމަށްޓަކައެވެ. އިންސާނުން ހަދާ ކޮންމެ އެއްޗަކީ އަބަދުވެސް ފުރިހަމަކުރުމުގެ ފުރުޞަތާއި ޖާގަ އޮންނާނެ އެއްޗަކަށްވާތީ، މިހާތަނަށް ގަވާއިދު ކޮމިޓީއިން ކުރައްވައިފައިވާ ގަވާއިދުގެ މަސައްކަތުގެ ތެރެއިންނަމުގެ ބައިޝާއިޢުކޮށްލަން މި ނިންމީ، ކޮމިޓީގެ މަސައްކަތް ޢާއްމު ކުރުމާއެކު އަލުން އިޞްލާޙުކޮށްލާނެ ކަންކަން ވެސް ފާހަގަކުރަން ފަސޭވާނެތީއެވެ. މިހާތަނަށް ނަމުގެ ބައިގައި ބޭނުންކޮށްފައި ހުރި ބައެއް ނަންތައް ބަދަލުވެ، އަދި މުޅިން އާ ބައިތަކެއް ނަމުގެ ބަޔަށް އިތުރުވެފައިވާކަން ފާހަގަ މި ކުރަނީ ގަވާއިދު ކޮމިޓީއިން މިހާތަނަށް ކުރައްވައިފައިވާ މަސައްކަތަށް ޝުކުރު އަދާކުރުމާއެކީގައެވެ. ދިވެހިބަހުގެ އެކެޑަމީގެ އުންމީދަކީ ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ނުވަތަ މާ ލަސްތަކެއް ނުވެ، ބަހުގެ މުޅި ޤަވާއިދު ޢާއްމުކޮށް ޝާއިޢުކުރެވި، އިޞްލާޙުކުރެވި މިހާރަށްވުރެ މާ ފުރިހަމަ ގަވާއިދެއް ޝާއިޢުކުރެވޭނެ ކަމަށެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށާއި ދިވެހިބަހަށް ލޯބިކުރައްވާ ފަރާތްތަކަށް އެކަމުގެ ލާބައާއި މަންފާ ލިބޭނެކަމަށެވެ.