އެކެޑަމީ އުފެދުން

04-11-2014

ދިވެހިބަހުގެ އެކެޑަމީއަކީ ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. ދިވެހިބަހުގެ އެކެޑަމީކުރާ މައިގަނޑު މަސައްކަތަކީ ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި އެކަންކަމަށް ކަނޑައަޅަންޖެހޭ އުޞޫލުތަކާއި މިންގަނޑުތަކާއި ޤަވާޢިދުތައް ހަދައި އެކަންކަން ހިންގައި ބެލެހެއްޓުމެވެ. އަދި އެ ޤާނޫނާ ޚިލާފުވާފަރާތްތަކާ މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ އެންމެހައި ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުންވެސް މެއެވެ. މި މަސައްކަތްތަކަކީ ކުރީން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ކުރަމުން އައި މަސައްކަތްތަކެކެވެ. އެމަރުކަޒު ސަރުކާރުން އުވައިލައްވައި އެމަރުކަޒުން އޭރު ކުރަމުން އައި އެކި މަސައްކަތްތައް ދައުލަތުގެ ކަމާބެހޭ އެކި އިދާރާތަކުގެ މަސްއޫލިއްޔަތުގެ ދަށުން ހިނގަމުން ދިޔުމަށްފަހު ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން އެމަރުކަޒުގެ ބަހާއި އަދަބާގުޅޭ އެންމެހައި ވަސީލަތްތައް ވަނީ ދިވެހިބަހުގެ އެކެޑަމީގެ ބައެއްގެ ގޮތުގައި ހަމަޖެހިފައެވެ. އެކެޑަމީއަށް ރައީސުލްޖުމުހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު މެންބަރުން ޢައްޔަންކުރެއްވީ 2011 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 8 ވަނަ ދުވަހުއެވެ. ދިވެހިބަހުގެ އެކެޑަމީގެ މަސްއޫލިއްޔަތުތައް ކަމަށް ޤާނޫނުގައިބަޔާންކޮށްފައިވާ ބައެއް މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ދިވެހިބަސްޙިމާޔަތްކޮށް ތަރައްޤީ ކުރުމަށްޓަކައި މަސައްކަތް ކުރުމާއި، ދިވެހިރާއްޖޭގެއިދާރީ ހިންގުމާއި، ވިޔަފާރިއާއި، ތަޢްލީމާއި، އެހެނިހެން ޢާންމުމުޢާމަލާތުތަކުގައި އެންމެ ބޮޑަށް ބޭނުންކުރާ ބަހަކީ ދިވެހިބަސް ކަމުގައިދަމަހައްޓައި، ދިވެހިބަސް ފެތުރުމާއި، ދިވެހިބަސް ބޭނުންކުރަންޖެހޭހަމަތަކާއި އުޞޫލުތައް ކަނޑައަޅައި، ބަހުގެ ޤަވާޢިދު އެކުލަވާލައި،މިކަންކަން ޢާންމުކޮށް ފެތުރުން ހިމެނެއެވެ. އަދި ރާއްޖޭގައި ޤައުމީފެންވަރުގައި ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާ ދުވަސްތަކުގެ ތެރެއިންދިވެހިބަހާއި އަދަބިއްޔާތާއި، ޘަޤާފަތާއި، ތަރިކައާ ބެހޭގޮތުންފާހަގަކުރަންޖެހޭ ދުވަސްތައް ފާހަގަކުރުމާއި، ދިވެހިބަސް ފޮތްތައްއެކުލަވާލައި، ޝާއިޢު ކުރަމުން ގެންދިޔުމާއި، ދިވެހިބަހާއި ތާރީޚާބެހޭޢިލްމީ ދިރާސާތަކާއި، ޢިލްމީ ޙަރަކާތްތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެފަރާތްތަކާ ގުޅިގެން ހިންގުން ހިމެނެއެވެ. މި ޤާނޫނުގައިވާ ގޮތުން ދިވެހިބަހުގެ ޤަވާޢިދާއި ހަމަތަކާ ބެހޭގޮތުންއެންމެފަހު ބަސް ބުނާ ފަރާތަކީ ދިވެހިބަހުގެ އެކެޑަމީއެވެ. އަދިދިވެހިބަހުގެ ގަވާއިދާއި ހަމަތަކާ ބެހޭގޮތުން ބުނާ އެންމެފަހު ބަސް އެއީއެކެޑަމީގެ ބަހެއް ކަމަށްވާނީ، އެކެޑަމީގެ ރަސްމީ ލެޓަރހެޑްގައި ލިޔެ،އެކެޑަމީގެ ރައީސް ސޮއި ކުރައްވައި، އެކެޑަމީގެ ތައްގަނޑުޖަހާފައިވާނަމައެވެ. އަދި ދައުލަތުގެ އެންމެހާ މުޢާމަލާތްތަކެއްގައިދިވެހިބަހާ ބެހޭގޮތުން އެކެޑަމީއިންދޭ ލަފައަށް ހުރިހާ ފަރާތްތަކަކުންވެސްއިޙްތިރާމް ކުރަންވާނެ ކަމަށް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެކެޑަމީގެ ތަޞައްވަރަކީ ދިވެހިބަހާއި ތާރީޚާއި ޘަޤާފަތާއި އާދަކާދަ ރައްކައުތެރިކޮށް ކުރިއަރުވާ، ދިވެހިބަހާއި ތާރީޚާ ޘަޤާފަތާ އާދަކާދައާ ބެހޭ އެންމެ ޞައްޙަ މަޢުލޫމާތު ޙިއްސާކުރާ، އަދި ދިވެހި ބަހާ ބެހޭ ގޮތުން އެންމެ ފަހު ބަސް ބުނާ މުއައްސަސާސާއަށްވުމެވެ. އެކެޑަމީގެ އަމާޒަކީ ދިވެހީންނަކީ ދިވެހިބަހަށް އިސްކަންދީ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަންނަ، ދިވެހި ބަހާއި ތާރީޚާއި ޘަޤާފަތާއި އާދަކާދައާ މެދު ފަޚުރުވެރިވާ، ދިވެހިބަހާއި ތާރީޚާއި ޘަޤާފަތާއި އާދަކާދަ ރައްކައުތެރިކޮށް ދިރުވައިއާލާކުރާ ބަޔަކަށް ހެދުމެވެ.