ރައީސްގެ މެސެޖު

04-11-2014

ދިވެހިބަހާއި ދިވެހި ތާރީޚާއި ދިވެހި ސަގާފަތާއި ދިވެހިއާދަކާދަ ރައްކައުތެރިކުރާށެވެ. ޙަމްދާއި ޝުކުރުކުރަނީ ބަސްމށުންތެރިކަމުގެ ކުޅަދާނަކަން އިންސާނުންގެ ކިބައިގައިލެއްވި އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމާއި ބަރަކާތްލެއްވުން އެދި ދުޢާކުރަނީ ބަސްމޮށުންތެރިކަމުގެ މަތިވެރި ނަމޫނާ އަޅަމެންނަށް ދެއްކެވި އިތުރު މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. މި ދުޢާގައި ކީރިތި މާތް ރަސޫލު ޞައްލަﷲ ޢަލައިއި ވަސައްލަމްގެ އިތުރު އާލުންނާއި ޞަޙާބީން ޝާމިލްކުރަމެވެ. ޙައްޠުސްތިވާގެ މެދުން ދެމޭ ފެންއާރުތަކަކުން އޮއިދެމޭ ރަށްތަކުގެ މަލަ އެފެނުން ތެމޭ މައްޗަށް އަތިރި ރަށްވެހިވުވީ ކޮންފަދަ ނަސީބެއްތޯއެވެ.! ތާރީޚަކާއި ސަގާފަތެއް، މާރީތި އަޚުލާޤިއްޔަތެއް، ޖާރީވިނަލަ ޤައުމިއްޔަތެއް، މާޒީވި ނަސްލެއްގައި ވުމީވެސް ފަހެ ކޮންފަދަ ބޮޑު ނަސީބެއްތޯއެވެ.! މި ނަޞީބުވެރި ދިވެހި ޖައްވާއި ފަޒާގައި އުދެހެމުންދާ ދޫނިސޫފާސޫފި ރީތި ރާގުތަކަށް މިނިވަންކަމުގެ ލަވަކިޔަމުންދާއިރު މިރީތި ޖަންނަތުގެ ހުވަނދުގެ ވަސްމުޅި ކާއިނާތަށް ވަނީ ފެތުރިފައެވެ. މިއީ ތަރިރުހަނދުގެ ނޫރުން ރޯޝަންވާ، ނަލަފެހި ރުއްގަސް ހެދޭ އަޅުގަނޑުމެންގެ ލޮބުވެތި ދީބެވެ. ﷲ ގެ ހެޔޮ ރަޙުމަތް އަޅުގަނޑުމެންގެ މައްޗަށް ކިތައްމެހައި ވެސް ތަނަވަހެވެ. އެހެންކަމުން ޙަޤީޤަތުގައިވެސް އަޅުގަނޑުމެންނަކީ ވަރަށް ނަސީބުވެރި ބައެކެވެ. އެންމެ ބޮޑު ނަސީބެއްކަމުގައި އަޅުގަނޑު ދެކެނީ އަމިއްލަ ޚިޔާލާއިފިކުރު، އިޙުސާސާއި ޝުޢޫރު، ފާޅުކޮށް ނެރެ ހާމަކުރުމަށް އަމިއްލަ ބަހަކާއި އަމިއްލަ އަކުރެއް ލިބިފައިވުމެވެ. އަޅުގަނޑުމެންގެ އަމިއްލަވަންތަކަމުގެ އެންމެ މަތިވެރި ބަހާކަމުގައިވާ ދިވެހިބަހަށް މިއަދު މިވަނީ ޤާނޫނީ ހިމާޔަތާއި ރައްކާތެރިކަން ލިބިފައެވެ. އެހެންނަމަވެސް އަޅުގަނޑު ޤަބޫލުކުރާގޮތުގައި ބަހަށް ޚިދުމަތްކުރުމަކީ ހަމައެކަނި ދެ އަޚެއްގެ ވާޖިބެއް ނޫނެވެ. އަދި އެދުނަސް އެއީ ދެ ތިން މީހަކަށް ކުރެވޭވަރުގެ ކަމެއްވެސް ނޫނެވެ. އަދި އެއީ ޤައުމަށް ދިމާވެފައިވާ ޙާލަތެއްގެ ސަބަބުން ތަންކޮޅެއް ފަހުން ސަމާލުކަން ދިނުމަށް ފަސްކުރެވިދާނެ ކަމެއްވެސް ނޫނެވެ. އެހެންކަމުން އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަމުގެ ރަމްޒުކަމުގައިވާ ދިވެހިބަސް ހިމާޔަތްކޮށް ރައްކާތެރިކޮށް ބެލެހެއްޓުމުގައިދިވެހި ބަހުގެ އެކަޑަމީން ކުރަމުން މިގެންދާ ޤައުމީ ބުރަ މަސައްކަތުގައިދިވެހި ކޮންމެ ފަރުދެއްގެ އެހީތެރިކަން އަޅުގަނޑުމެންނަށް ބޭނުންވާކަމުގައި ދަންނަވަމެވެ. ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤަނޫނު ތަންފީޒުކުރުމަށް އެކެޑަމީންމުކުރާ މަސައްކަތުގައި ސަރުކާރާއި ދައުލަތުގެ މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންގެ މަދަދާއި އަޅައިލުން އަޅުގަނޑުމެން ނިހާޔަތަށް ބޭނުންވެއެވެ. މިގޮތުން ޚިދުމަތުގެ ދާއިރާގެ ތެރޭގައި މުޢާމަލާތުކުރެވޭ ކޮންމެ ކަމެއްގައިމެ ، ދިވެހިބަހަށް އިސްކަންދިނުމާށް އިލްތިމާސްކުރަމެވެ. ތަންތަނަށް ނަންކިޔުމާއި ނަންބޯޑުހެދުމާއި ، ދައުލަތުގެ ވެރީން ޚިޠާބާއި ތަޤުރީރުކުރެއްވުމުގައި ދިވެހިބަހަށް އިސްކަންދެއްވުމަކީ މި ހިނދުން މިހިނދަށް ބަސްރައްކާތެރި ކުރުމަށް އަޅަންޖެހޭ ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި ނުހަނު އިޙްތިރާމާއެކު ދަންނަވައި އިލްތިމާސްކުރަމެވެ. އަޅުގަނޑުމެންނަކީ ހަމަ ޙަޤީޤަތުގައިވެސް ވަރަށް ނަސީބުވެރި ބައެކެވެ. އަމިއްލަ ބަހަކާއި އަކުރެއް އޮތް އޮތުން މިއީ ހާއުފާކޮށް ދެންނެވޭ ޝުކުރުތަޢުޒީމަށް ނިމުމެއްނެތް ކަމެކެވެ. ދިވެހިވަންތަކަމުގެ ނިޝާންކަމުގައި ކޮންމެ ދަނޑިވަޅެއްގައިމެ އިސްކުރެވޭ ދިވެހިބަހުގައިވާ ޖާޒުބި އަސަރާއި ނަޔާކަން އެއީ އަޅުގަނޑުމެންގެ ފަޚުރެވެ. އެއީ ބަހެއްގައި ހިމެނޭ އެންމެހައި ބަހާތައް ފުރިހަމަކޮށް ދިވެހި ކާބަފައިން އަޅުގަނޑުމެނާ ޙަވާލުކުރަށްވާފައިވާ މަތިވެރި އަމާނާތެކެވެ. އެ އަމާނާތް ރައްކާތެރިކަމާއެކު އަންނަން ހުރި ޖީލުތަކަށް ވާސިލުކޮށް ދިނުމަކީ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ ވާޖިބެކެވެ. މަދަރުސީ ޖައްވަކީ ޤައުމުގެ މުސްތަޤުބަލު ބިނާކޮށް ބައްޓަންކުރާ މައިދާނެވެ. މިޤައުމުގެ ދަރީން ތަރުބިއްޔަތުކޮށް ކުރިމަގުގެ އާރުކާޓީންނަށް ހެއްދެވުމުގައި އެކުދިންނަކީ ދިވެހި ބަސްދެކެ ލޯބިވާ ކުދިންކަމުގައި ހައްދަވައިދެއްވުމަކީ މަދަރުސާތަކުގެ ވެރީންގެ އިސް ވާޖިބުކަމުގައި ހައްދަވައިގެން މިކަމަށްޓަކައި މަސައްކަތްޕުޅުކުރެއްވުމަށް ގޮވައިލަމެވެ. މިގޮތުން ދިވެހިބަހުން ޝުޢޫރުފާޅުކޮށް މުޢަމަލާތުކުރުމަށް އެކުދިންނަށް މިހާރަށްވުރެ ގިނަ ފުރުޞަތުތައް މަދަރުސާތަކުގައި ފަހިކޮށްދެއްވައި މިހާރަށްވުރެ ބޮޑަށް އަދަބީ ޙަރަކާތްތައް މަދަރުސީ ޖައްވުގައި ކުރިއަށްގެންދެވުމަށް އިލްތިމާސްކުރަމެވެ. އަދި ކުދިންނާ މުޢާމަލާތުކުރެއްވުމުގައި ޤައުމީ ބަހަށް އިސްކަންދެއްވުމަށް ދަންނަވަމެވެ. ލޮބުވެތި މުދައްރިސުންނާއި ބެލެނިވެރީންނަކީ މިޤައުމުގެ ކުރިމަގުގެ ދަރީން ތަރުބިއްޔަތުގެ ކުރުމުގެ މޭސްތިރީންނެވެ. ދިވެހިބަސް ބޭނުންކުރެއްވުމުގައި ލޯތްބާއެކު ދިވެހިބަހުގެ ރިވެތިކަމާއި މޫރިތިކަމާއެކު ކުދިންނާ މުޢަމާލާތުކުރެއްވުމަށް ލޮބުވެތި މުދައްރިސުންނާއި ބެލެނިވެރީންނަށް އިލްތިމާސްކުރަމެވެ. ލޮބުވެތި ދަރިވަރުންނަކީ މިޤައުމުގެ މުސްތަޤުބަލެވެ. ދިވެހިރާއްޖޭގެ ކިޔަވާކުދިންނާއި އެންމެހައި ދަރީންނަކީ ދިވެހިބަހަށް އިޙުތިރާމްކުރާ ދިވެހިބަސްދެކެ ލޯބިވާ ބަޔަކުކަމުގައި ވާންޖެހޭނެއެވެ. ދިވެހިބަހުގެ ކުރިމަގު އޮތީ ދިވެހި ކިޔަވާކުދިންގެ އަތްމަތިގައެވެ. ކާބަފައިންގެ މި ފަޚުރު އަމާނާތްތެރިކަމާއެކު ޖީލުންޖީލަށް ވާޞީލްކޮށްދޭން ތިބި އާރުކާޓީންނަކީ ހަމަ މިޤައުމުގެ ދިވެހި ދަރީންނެވެ. އެހެންކަމުން ، ކޮންމެ ދިވެހި ދަރިއަކުވެސް ދިވެހިބަހަށް އިޙުތިރާމްކޮށް ބަހަށް ލޯބިކުރުމަށް ގޮވާލައި އިލްތިމާސްކުރަމެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ ބަހުގެ އަދަބަކީ އަޅުގަނޑުމެންނަށް ލިބިގެންވާ ހެޔޮ ނަޞީބުގެ ތާޖެކެވެ. އެ ތާޖުގެ ހިޔަލުގައި ދިރިއުޅޭ ދިވެހިންގެ ޤައުމިއްޔަތުގެ ދަނޑުތަކުގައި މުޑުވައް ރުވައި ، ދިވެހި ދަނޑުފަގު ތަނަވަސްވެ ތިޔާގިވެދާހުށީ ދިވެހި ފަސްގަނޑުން ހެދިކުރިލާ ގަސްގަހުން އިހުރު ލިބިގެންނެވެ. ދިވެހި ޤައުމުގެ ވަޠަނީ ލޯތްބާއި ޤައުމީ ލޯބީގެ ފެންއާރަކީ ވަޠަނީ ބަހެވެ. ދިވެހި ވަޠަނުގެ ވަޠަނީ ބަހަކީ ދިވެހިބަހެވެ. ވަޠަނުގެ ދަރީން ދިވެހިބަސް ޙިމާޔަތްކޮށް ދިރުވައި އާލާކޮށް މުޢަމަލާތުތަކުގައި ވަޠަނީ ބަސް އިސްކުރުމަށް ވަޠަން އެދި ގޮވާ ގޮވުންތަކަށް އިޖާބަދިނުމަށް އިލްތިމާސްކުރަމެވެ. ދިވެހި ތާރީޚާއި ސަގާފަތާއި އާދަކާދަ ދަމަހައްޓައި އާލާކުރުމަކީ ހަމަކޮންމެ ދިވެއްސެއްގެ އިސް ވާޖިބެއްކަމުގައި ހެދުމަށް ތަކުރާރުކޮށް ގޮވައިލަމެވެ. ދިވެހީން ދިވެހީންގެ ގޮތުގައި ޤާއިމުވެ ދާއިމްވެ ތިބުމަށް އިލްތިމާސްކުރަމެވެ. ކާބަފައިންގެ ތަރިކަ ފުނޑުފުނޑުކޮށްނުލައި ވީރާކޮށނުލައި އެތަރިކަ ވިދައިބަބުޅާނޭމަގުން އަޅުގަނޑުމެން އެންމެންމެ މަސައްކަތްކޮށްކުރުމަށްޓަކައި އަތުކުރި އޮޅާއިލުމަށް ހިތްވަރުދީ އިލްތިމާސްކުރަމެވެ. މާތް ﷲ ދިވެހި ޤައުމަށް ދާއިމީ ތަނަވަސްކަމުގެ ރަން އަސްރެއް މިންވަރުކުރައްވައި ، ދިވެހިބަހަށް އަދަށްވުރެ ފަހި މަދަމާއެއް ދައްކަވާށިއެވެ. ދިވެހި ތާރީޚާޢި ސަގާފަތާއި އާދަކާދަ ދިރިއާލާވުމަށް އިރާދަކުރައްވާށިއެވެ. މ ދިވެހިބަސް ޙިމާޔަތްކުރުމުގެ މުހިންމު މަސައްކަތުގައި އަޅުގަނޑުމެން މުޅި ދިވެހި އުންމަތް ޝާމިލްވެ ބަހަށް ޚިދުމަތްކުރުމުގެ ރޫޙާއި ލޯބި އަޅުގަނޑުމެން އެނމެންގެ ހިތްތަކުގައި އެކަލާނގެ އާލާކުރައްވާށިއެވެ.