Skip to content Skip to footer

ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ދެއްވާ މެސެޖު

މިއަދަކީ އޭޕްރީލްމަހުގެ 14ވަނަ ދުވަހެވެ. މިއީ ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ސަރުކާރުން ކަނޑައެޅުއްވި ދުވަހެވެ. މި އުފާވެރި ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިބަހުން ވާހަކަދައްކާ އެންމެތަކުންނަށާއި ދިވެހިބަސް ދެކެ ލޯބިވާ ދިވެހިބަހަށް އިޙުތިރާމްކުރާ އެންމެތަކުންނަށް ވެސް ނުހަނު އުފަލާއެކު އަރިސްކުރަމެވެ. އާދޭހެވެ! ޤައުމީ އެއްބައިވަންތަކަމަކީ މުސްތަޤިއްލު މިނިވަން ޤައުމެއްގެ ގޮތުގައި އެ ޤައުމެއް ކުރިޔަށް ދިޔުމުގެ އެންމެ މަތިވެރިވެރި ބަހާއެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެކެވެ. ދިވެހިރާއްޖޭގެ މީހުން ވާހަކަ ދައްކަނީ އެއް ބަހަކުންނެވެ. އެއީ ރިވެތި ދިވެހިބަހެވެ. މި ދެ އަސާސަކީ ދިވެހި ޤައުމިއްޔަތު އެމައްޗަށް ބިނާވެގެންވާ މައިގަނޑު ދެ ރުކުނެވެ. މިއަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރަކީ “ޤައުމީ އެއްބައިވަންތަކަމަށް ޓަކައި- އެންމެންގެ ސަމާލުކަން ދިވެހިބަހަށް” މިއެވެ. މިޝިޢާރުން ހާމަކޮށްދެނީ ދިވެހީންގެ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައިގަނޑު އެއް އަސާސް ކަމުގައިވާ ދިވެހިބަސް، ދިވެހީންގެ އެއްބައިވަންތަކަމަށް ޓަކައި ރައްކާތެރިކޮށް ކުރިއަރުވައި ތަރައްޤީކުރަން ޖެހޭ ކަމެވެ. ދިވެހިބަހަށް އަދު އެތެރެއިންނާއި ބޭރުން ކުރިމަތިވަމުން ދާ ދަތިތަކާއި ތުރާތަކުން ދިވެހިބަސް މިންޖުކޮށް ޙިމާޔަތްކޮށް ދަފަރާ ކުރާންޖެހޭ ކަމެވެ. އިޖުތިމާޢީ ކޮންމެ ކަމެއްގައި މެ އެކަކު ވެސް ބާކީ ނުކޮށް އެންމެން ހިމެނޭނީ އެކަމެއްގައި އެ ބައެއްގެ މާދަރީބަހުން މުޢާމަލާތުކޮށްގެންނެވެ. އެއީ އަޅުގަނޑުމެން ދިވެހީން ނަމަ ދިވެހިބަހުން މުޢާމަލާތުކުރެވިގެންނެވެ. ތަހުޒީބު މުޖުތަމަޢަކީ އެކަކު އަނެކަކަށް އިޙުތިރާމާއި ކަމޭ ހިތުމުގެ މައްޗަށް ބިނާވެގެވާ މުޖުތަމަޢެކެވެ. އެފަދަ މުޖުތަމަޢަކުން ފެންނާނީ އެއްބައިވަންތަކަމާއި އެކުވެރިކަމާއި އެކުލުންތެރިކަމެވެ. ކަންމިހެން ހުރުމާއެކު ދިވެހިރާއްޖޭގެ ޤައުމީ އެއްބައިވަންތަކަން ނަގަހައްޓައި ކުރިއަރުވައި ދެމެހެއްޓުމަކީ ކޮންމެ ދިވެހި ފަރުދެއްގެ ޤައުމީ ވާޖިބެކެވެ. އެ ވާޖިބު އަދާކުރުމުގައި ދިވެހިބަހަށް ސަމާލުކަން ދޭން ޖެހެއެވެ. އެހެނީ މުޖުތަމަޢު އެއްބައިވަންތަކުރުވައި އެކަތިގަނޑަކަށް ހަދައިދޭ މުހިންމު ވާސިޠާއަކީ ކޮންމެ މުޖުތަމަޢެއްގައި ވެސް އެ މުޖުތަމަޢެއްގެ ބަޔަކު ވާހަކަދައްކާ ބަހެވެ. ކަން މިހެން ހުރުމާއެކު ދިވެހިރާއްޖޭގެ ޤައުމީ އެއްބައިވަންތަކަމަށްޓަކައި ސަރުކާރުގެ ވުޒާރާތަކުންނާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުންނާއި އޮފީސްތަކުންނާއި އިދާރާތަކުންނާއި އަމިއްލަ އެންމެހައި ފަރާތްތަކުން ދިވެހިބަހަށް ސަމާލުކަން ދިނުން ހުށްޓެވެ. ހަމައެހެންމެ މަދަރުސާތަކުގައި ދިވެހި ބަސް ކިޔަވައި ދިނުމުގައި ދަރިވަރުންގެ ހިތުގައި ދިވެހިބަހަށް އޮންނަ ޝައުޤުވެރިކަން ބޮޑުވާނޭހެން ކިޔަވައިދިނުމުގެ އިތުރަށް ދިވެހިވަންތަކަން ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމުގައި ކުރާ މަސައްކަތްތަކުގައި ވެސް ދިވެހިބަހުން މުޢާމަލާތްކުރުމަށާއި ދަރިވަރުންނަށް މަދަރުސީ މާހައުލުގައި ދިވެހިބަހުން މުޢާމަލާތުކުރެވޭނޭ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުން ވެސް ހުށްޓެވެ. މި ސަމާލުކަމުގެ ތެރޭގައި ދިވެހިބަހަށް އިސްކަން ދިނުމަށާއި ކުށެއް ނެތް ސާފުދިވެހިބަހުން ވާހަކަދައްކައި ލިޔުމަށް އިލްތިމާސް ކުރަމެވެ. ދިވެހި ކޮންމެ ފަރުދަކުމެ ދިވެހިބަހަށް ފުރިހަމައަށް އިޙުތިރާމްކޮށް ދިވެހިބަސް ކުރިއަރުވައި ތަރައްޤީކުރުމަށް މަސައްކަތްކޮށް އެމީހަކު ހުރި ކޮންމެ ތާކުން ދިވެހިބަހަށް ޚިދުމަތްކުރުމަށް ގޮވައިލައި އިލްތިމާސްކުރަމެވެ.