Skip to content Skip to footer

“އަދަބީ ފާޑުކިޔުން” ނެރެފި

ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން އަލްމަރުޙޫމު މުޙައްމަދު ވަޙީދު ނަދުވީ ފަތްތޫރައިގެ އެކި ޢަދަދު ތަކުގައި ލިޔުއްވާފައިވާ ” އަދަބީ ފާޑުކިޔުން” އެއްފޮތެއްގެ ސިފައިގައި ނެރުއްވައިފިއެވެ. މި ފޮތް ނެރުމުގެ ރަސްމިއްޔާތު އޮތީ ރޭ 8.30 ގައި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ގެ ވަށްމާލަމުގައެވެ.  މި ރަސްމިއްޔާތުގެ ޝަރަފު ވެރި މެހުމާނަކީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުހައްމަދު ތާރިޤެވެ. ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި ނަދުވީ އާ އެއްކޮށް އެއް އޮފީހެއްގައި ހޭދަކުރެއްވި ދުވަސްތަކާއި އެއްކޮށް މަސައްކަތް ކުރެއްވި އިރު ކަންތައްތައް ހުރިގޮތް ހާމަކުރައްވައި ނަދުވީ ޢިލްމީ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރައްވާފައިވެއެވެ. ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު ޢަލީވެސް މުޙައްމަދު ވަޙީދު ކުރައްވާފައިވާ ޢިލްމީ ބިޔަ ބުރަ މަސައްކަތްތައް ފާހަގަ ކުރައްވައި ދިވެހި ބަހާއި ތާރީޚަށް ކުރައްވަމުން ގެންދެވި އަގުހުރި މަސައްކަތްތައް ފާހަގަ ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. ފޮތް ނެރެދެއްވީ މިނިސްޓަރ އޮފް އާޓްސް އެންޑް ކަލްޗަރ އަލްފާޟިލާ ޔުމްނާ މައުމޫނެވެ. ފޮތުގައި ލިޔެފައިވާ މަޢުލޫމާތަށް އަލިއަޅުވާލާ ވާހަކަފުޅުދެއްކެވީ ނަދުވީ އުސްތާޒުގެ ދަރިވަރު އަލްފާޟިލް މުޙައްމަދު ޢާމިރު (ފަރެސް) އެވެ.

މި ރަސްމިއްޔާތުގައި އަލްމަރުޙޫމު މުޙައްމަދު ވަޙީދު ނަދުވީ ރަޙުމަތްތެރިއެއްގެ ރަޙުމަތްތެރިއެއްގެ ޙައިޘިއްޔަތުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުގެ ރައީސް ނޢޢވ އަލްފާޟިލް ޢައްބާސް އިބްރާހިމް ވާހަކަފުޅު ދެއްކެވިއެވެ. ދިވެހިބަހުގެ ޑިގްރީ ކޯހުގެ ފުރަތަމަ ބުރުގެ ބައިވެރިންކަމުގައިވާ އަލްފާޟިލާ ވަލީދާ ޢީސާ އަދި އަލްފާޟިލް މުޙައްމަދު ނަޝީދު (ކާނަލް) ނަދުވީ ކިޔަވައިދެއްވި ދަރިވަރުންގެ ޙައިޘިއްޔަތުން ނަދުވީ ގެ އަދަބީ މަސައްކަތްޕުޅާއި ޢިލްމީ ގޮތުން ލިބުނު އަގުހުރި ފިލާވަޅުތައް ޙިއްޞާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ނަދުވީ ދެ ބޭފުޅުން ކަމުގައިވާ އަލާ މުޙައްމަދު ވަޙީދާއި ރަންދާ މުޙައްމަދު ވަޙީދު ވާހަކަދެއްކެވިއެވެ. މި ރަސްމިއްޔާތުގައި ނެރެނު ފޮތް ” އަދަބީ ފާޑުކިޔުން” ދިވެހިބަހުގެ އެކެޑަމީގެ ފޮތް ފިހާރައިން ގަންނަން ލިބެން ހުންނާނެއެވެ. ފޮތުގެ އަގަކީ 40/ރ. އެވެ.